މުޖުތަމައު އަށް ނުރައްކާ ބޮޑު ކަމަށް ފުލުހުން ބުނާ ނުވަ މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަބްދުﷲ [ގައްބަރޭ] އިތުރު މައްސަލައެއްގެ ތުހުމަތުގައި ފަސް ދުވަހު ބަންދުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ދީފި އެވެ.

ޖިނާއީ ކޯޓުގެ އިސް އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އިބްރާހިމް އަބްދުﷲ ބަންދުގައި ބެހެއްޓުމުގެ ހުއްދަ މިއަދު މެންދުރު ކޯޓުން ދީފައިވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ފުލުހުންނަށް ދިނީ އޭނާގެ މައްޗަށް ތުހުމަތުކުރާ އިތުރު މާރާމާރީއެއްގެ މައްސަލާގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ފުލުހުން ގައްބަރޭ ފުރަތަމަ ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމުގެ ހުއްދަ އަކަށް ފުރަތަމަ އެދުނީ، މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާން މަގާއި މަޖީދީމަގު ގުޅުނު ޓްރެފިކް ލައިޓް ކައިރީގައި މަރާލި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ މަރުގެ މައްސަލައާ ގުޅިގެން މާލެތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާ މީހެއް ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓުން އިއްޔެ އޭނާގެ މުއްދަތު އިތުރުކޮށް ނުދީ ދޫކޮށްލީ، އެ މައްސަލާގައި ފުލުހުން އޭނާގެ މައްޗަށް ހުށަހަޅާފައިވާ ހެކި، އޭނާ ބަންދުގައި ބެހެއްޓުމަށް ފުދޭވަރު ނުވާ ކަމަށް ބުނެ އެވެ.

ގައްބަރޭ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ދީފައި މިވަނީ ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން ފުލުހުން އޭނާ ދޫކޮށްލުމަށް ފަހު، ދެ ވަނަ ފަހަރަށް ހައްޔަރުކޮށްފައި ވަނިކޮށެވެ.

ފުލުހުން ގައްބަރޭ އަލުން ހައްޔަރު ކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް މިއަދު ބުނެފައެއް ނުވެ އެވެ.

"ހަމަބުރު" ކިޔާ ގުރޫޕަކަށް ނިސްބަތްވާ އިބްރާހިމް އަބުދުﷲ އަކީ ތަފާތު އެކިއެކި މައްސަލަތަކުގައި 14 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އޭނާގެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.