04 Feb 2016, 11:23
ސްރީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތަހުނިޔާގެ މެސެޖު ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ސަރުކާރާއި ރައްޔިތުން އަދި ރައީސްގެ އަމިއްލަ ނަމްފުޅުގައި ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ މިނިވަން ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.
ހަމަ އެހެންމެ، ރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
އަދި ސްރީލަންކާގި ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަގުބަލަކަށް ވެސް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.