04 Feb 2016, 11:31
ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ވޮޓްފޯޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ ގެއްލިގެން ދިޔައީ ހައްގު ތިން ޕޮއިންޓް ކަމަށް ޗެލްސީގެ ކޯޗު ގޫސް ހިޑިންކް ބުނެފި އެވެ.
"މެޗުގައި ރަނގަޅަށް ކުޅެ މުޅި މެޗު ކޮންޓްރޯލް ކުރީ ޗެލްސީން. ވޮޓްފޯޑް އަށް އަހަރެމެންގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވާ އިރު ޗެލްސީން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައި." ހިޑިންކް ބުންޏެވެ.

ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ވޮޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ވޮޓްފޯޑްގެ ދަނޑުގައި ކުޅުނު އެ މެޗުގެ ދެވަނަ ހާފްގައި ޗެލްސީން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އިރު، އިވަނޮވިޗް އާއި ޑިއޭގޯ ކޮސްޓާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ވޮޓްފޯޑްގެ ގޯލްކީޕަރު ގޯލިއާ ގޮމޭސް އެވެ.
"އަހަރެން ކުރިން ކޯޗު ކޮށްދިން ގޮމޭސްގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެއް. އޭނާ އަށް މޮޅު ކުޅުންތެރިއާގެ މަގާމު ހައްގު. އަހަރެމެންނަށް ތިން ޕޮއިންޓް ގެއްލުމުގެ އެންމެ ބޮޑު ހުރަހަކަށް ވެސް ވެގެންދިޔައީ ގޮމޭސް،" ހިޑިންކް ބުންޏެވެ.

ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ވޮޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ރޭގެ އެ ނަތީޖާއާއެކީ ޗެލްސީ އޮތީ 29 ޕޮއިންޓާއެކީ ލީގުގެ 13 ވަނައިގަ އެވެ. ވޮޓްފޯޑް އޮތީ 33 ޕޮއިންޓާ އެކީ ލީގުގެ ނުވަ ވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި 50 ޕޮއިންޓާއެކީ އޮތީ، ލެސްޓަ ސިޓީ އެވެ.
ލީގުގައި ޗެލްސީން އަންނަ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗަށް ނިކުންނަ އިރު ޔުނައިޓެޑް އޮތީ ޗެލްސީ އަށް ވުރެން އިތުރަށް 11 ޕޮއިންޓް ލިބުގެން ތާވަލުގެ ފަސް ވަނާގަ އެވެ.