ވީޑިއޯ ޝެއަރިން ނެޓްވޯކް ކަމަށްވާ ޔޫޓިއުބް އިން އޮރިޖިނަލް ސީރީޒް އާއި ފިލްމްތައް އަންނަ ހަފްތާއިން ފެށިގެން ދައްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ނެޓްފްލިކްސް އިން އަންނަނީ ގިނަ އަދަދަކަށް އަމިއްލަ އުފެއްދުންތަކެއް ތައާރަފް ކުރަމުންނެެވެ. އެހެންކަމުން ޔޫޓިއުބް އިން ނެޓްފްލިކްސްއާ ވާދަ ކުރުމުގެ ގޮތުން ގިނަ އަމިއްލަ އުފެއްދުންތަކެއް ތައްޔާރު ކުރުމަށް ވަނީ ނިންމާފަ އެވެ.

"ޔޫޓިއުބް ރެޑް" އިން އަލަށް ނެރުމަށް ހަމަޖެހިފައިވާ އުފެއްދުންތަކުގެ ތެރޭގައި ތިން އޮރިޖިނަލް ފިލްމު ހިމެނެ އެވެ. ޔޫޓިއުބްގެ އެހެން ހިދުމަތްތަކާ ހިލާފަށް ޔޫޓިއުބް ރެޑްއަކީ ހަމައެކަނި ސަބްސްކްރިޕްޝަންއާ އެކު ލިބޭ ހިދުމަތެކެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން ރެޑް އިން އާ އުފެއްދުންތައް ދައްކަން ފަށާއިރު އޭގެ ތެރޭ އޮރިޖިނަލް ސީރީޒް އެއްވެސް ދައްކަން ފަށާނެ ކަމަށް ޔޫޓިއުބް އިން ވަނީ ބުނެފަ އެވެ. އެގޮތުން ޔޫޓިބް އިން ނެެރެން ތައްޔާރުވާ ސީރީޒް އަކީ "ސްކެއާ ޕިއުޑީޕައި" އެވެ. އެ ޝޯއިން ފެނިގެންދާނީ ވީޑިއޯ ގޭމްތަކުން ފެނިފައިވާ މަންޒަރުތަކާ ގުޅުވައިގެން އުފައްދާފައިވާ ކޮމެޑީ ސީންތަކެއް ކަމަށް ޔޫޓިއުބް އިން ބުންޏެވެ.

ޔޫޓިއުބް ރެޑް އިން ދައްކާ ތިން ފިލްމަކީ "އަ ޓްރިޕް ޓު ޔުނިކޯން ލޭންޑް" އާއި ޑޭންސް ކޭޕް" އަދި "ލޭޒާ ޓީމް" އެވެ.