04 Feb 2016, 10:18
ސްޕެނިޝް ކަޕްގައި ރޭ ވެލްންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލުއިސް ސުއަރޭޒް އާއި ލެއޮނަލް މެސީ ކާމިޔާބް ކޮށްދިން ހެޓްރިކާއި އެކު 0-7ގެ ބޮޑު ތަފާތަކުން ބާސެލޯނާ މޮޅުވެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ބާސާގެ ކޭމްޕް ނޯގައި ކުޅުނު ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި، ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ހާފް އެޓީމުން ނިންމާލީ ސުއަރޭޒްގެ ދެ ގޯލާއި މެސީ ކާމިޔާބް ކުރި ގޯލަކާއި އެކު ތިން ގޯލުގެ ލީޑަކާއެކީގަ އެވެ.

ސްޕެނިޝް ކަޕްގައި ބާސާ އާއި ވެލެންސިއާ ކުޅުނު މެޗުގައި މެސީ ބޯޅަ ކުރިއަށް ފޮނުވާލަނީ --- ފޮޓޯ: އޭޕީ
ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ވެލްންސިއާ ޕެނަލްޓީ އޭރިއާ ތެރެއިން މެސީ އަށް ކުރި ފައުލަކާއި ގުޅިގެން ޑިފެންޑަރު މުސްތާފީ އަށް ވަނީ ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައި ބާސާ އަށް ޕެނަލްޓީ އެއްދީފަ އެވެ. ނަމަވެސް ނޭމާ ކުރިއަށް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފް 10 ކުޅުންތެރިންނާ އެކު ކުޅުނު ވެލްންސިއާ ކޮޅަށް ދެ ގޯލް ކާމިޔާބުކޮށް މެޗުގެ 74 ވަނަ މިނެޓްގައި މެސީ ވަނީ އެ މެޗުގެ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އަދި ސުއަރޭޒް ވަނީ މެޗުގެ 83 ވަނަ މިނެޓްގައި ބާސާގެ ހަވަނަ ގޯލް ކާމިޔާބުކޮށްދީ، އޭނާގެ ހެޓްރިކް ވެސް ފުރިހަމަކޮށްފަ އެވެ. ބާސާގެ ފަހު ގޯލު ވެސް ފެނިގެންދިޔައީ ސުއަރޭޒްގެ ފަރާތުންނެވެ.

ސްޕެނިޝް ކަޕްގައި ބާސާ އާއި ވެލެންސިއާ ކުޅުނު މެޗުގައި ނޭމާ އަތުން ބޯޅަ ހޯދުމަށް ވެލެންސިއާގެ ކުޅުންތެރި އެއް މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
މެޗަށް ފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ، ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުނު ނަމަވެސް ކުޅުންތެރިންގެ ފަރާތުން އެކަން ފެނިގެން ނުދާ ކަމަށާއި އެ ކުޅުންތެރިންގެ ފަރާތުން ފެނުނީނ ތައުރީފް ހައްގު ކުޅުމެއް ކަމަށެވެ.
"ވަކި ކުޅުންތެރެއެއްގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް. މި މެޗުން ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް ދެވަނަ ލެގްގައި ކުޅޭ މެޗު ފަސޭހަކޮށް ނުލާނަން،" އެންރިކާ ބުންޏެވެ.
ވެލެންސިޔާ އާއި ބާސާ ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗު އޮންނާނީ، އަންނަ ހަފްތާގެ ބުދަ ދުވަހު ވެލްންސިއާގެ ދަނޑުގަ އެވެ.