04 Feb 2016, 11:16
ދިވެހި ޕްރިމިއާ ލީގު އަލުން ތިން ބުރަކަށް ދެމިގެންދާ ގޮތަށް މިއަހަރު ކުޅެން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
މިދިޔަ އަހަރު ދިވެހި ލީގު ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރިއިރު ލީގް ކުޅެފައި ވަނީ ދެ ބުރަކަށެވެ.
އެފްއޭއެމުން ވަނީ 2011 އިން 2014 އަށް ލީގު ތިން ބުރަކަށް ކުޅެފައެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ މިއަހަރު އަލުން ލީގް ތިން ބުރަކަށް ދެމިގެންދާ ގޮތަށް ކުޅޭން ނިންމީ ސީޒަންގެ މުއްދަތު ދިހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަކީ މިހާރު ޢަމަލު ކުރަންޖެހޭ ޕްރޮފިޝަނަލް ސްޓޭންޑަޑް ކަމަށާއި އެހެންވެ އެ މުއްދަތައް ކުރިއަށް ގެންދެވޭނީ އެފްއޭކަޕާއި ޕްރެޒިޑެންޓް ކަޕްގެ އިތުރަށް ލީގު ތިން ބުރަކަށް ކުރިއަށް ގެންގޮސްގެން ކަމަށެވެ.
މިދިޔަ އަހަރު ލީގު ދެ ބުރު ކުޅެފައި ވަނީ މިދިޔަ އަހަރު ވޯލްޑްކަޕް ކޮލިފައިންނާއި ގައުމީ ޓީމު ބައިވެރިވާ އެހެން މުބާރާތްތަކެއް ޝެޑިއުލުކޮށްފައިވުމުގެ އިތުރަށް ސީޒަން ލަހުން ފެށޭ ގޮތް ވުމުން ކަމަށް ބައްސާމް ވިދާޅުވިއެވެ.
"ޕްރޮފެޝަނަލް ސްޓޭންޑަޑަކީ ފުޓްބޯޅަ ސީޒަން ދިހަ މަސްދުވަހަށް ކުރިއަށް ގެންދިއުން، ދިހަ މަސް ދުވަހަށް ލީގް ކުރިއަށް ގެންދެވޭނީ ލީގް ތިން ބުރަކަށް ކުރިއަށް ގެންގޮސްގެން،" ބައްސާމް ވިދާޅުވިއެވެ.
މީގެ ކުރިން ތިން ބުރަކަށް ދިވެހި ލީގު ކުރިއަށް ގެންދިޔައިރު ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ތިން ވަނަ ބުރު ކުޅެފައި ވަނީ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމުގެ މެދުގަ އެވެ.