ޓީވީއެމްގެ މުދާ ވިއްކުމަށް އެމްއެންބީސީން އިއުލާން ކުރި މައްސަލަ އެމްބީސީގެ ފަރާތުން ކޯޓަށް ހުށަހެޅުމުން އެ އިއުލާނަށް އަމަލު ނުކުރުމަށް އެމްއެންބީސީން ނިންމައިފި އެވެ.

އެމްބީސީން މިއަދު ސިވިލް ކޯޓުގައި އެދުނީ ޓީވީއެމްގެ މުދަލާ މެދު ގޮތެއް ނިންމައިދިނުމަށް މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް ބައެއް މުދާތައް ވިއްކުމަށް އިއުލާން ކޮށްފައިވާތީ ޝަރީއަތުން ވަކި ގޮތަކަށް މައްސަލަ ނިމުމުގެ ކުރިން މުދާ ނުވިއްކުމަށް އަމުރު ކޮށްދިނުމަށެވެ.

އެމްބީސީގެ ވަކީލު އަރީފް އަހުމަދު ނަސީރު މިއަދު ކޯޓުގައި ވިދާޅުވީ ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ޓީވީއެމްގެ މުދާ ވިއްކައިފި ނަމަ އެ ކުންފުންޏަށް ގާނޫނުން ލިބިދޭ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ. އަދި އެ މުދާތައް ނުއަގުގައި ވިއްކައިފި ނަމަ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެމްއެންބީސީގެ ގާނޫނީ ވަކީލު ޝަހުދީ އަންވަރު ވިދާޅުވީ މަސްލަހަތަށްޓަކައި މުދާ ވިއްކުމަށް ކުރި އިއުލާނަށް އަމަލު ނުކުރުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މުދަލަކީ ބާވެ ހަލާކުވެފައި ހުރި މުދާތަކެއް ކަމަށާއި އުކާލުމުގެ ބަދަލުގައި ވިއްކާލުމަށް ނިންމީ ކަމަށެވެ. ވިއްކާލުމަށް ނިންމި ތަކެތީގެ ތެރޭގައި ހިމެނޭނީ ޑީކޯޑަރު، ވޯކީޓޯކީ ފަދަ ތަކެތި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ އިއުލާނަށް އަމަލު ނުކުރުމަށް ނިންމާފައިވާތީ އެމްބީސީން އެދިފައިވާ ވަގުތީ އަމުރު ނެރުމުގެ ބޭނުމެއް ނެތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ވިއްކުމަށް އިއުލާން ކުރި މުދާތަކަކީ ބާ މުދާކަން ޔަގީންނުވާ ކަމަށެވެ. އަދި އެ އިއުލާންކޮށްފައި ވަނީ ހަމައެކަނި ޓީވީއެމުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ވަގުތީ އަމުރުގެ ބޭނުމެއް ނެތް ކަމަށް އެމްއެންބީސީގެ ފަރާތުން ބުނުމުން އެމްބީސީގެ ވަކީލު ވިދާޅުވީ މުދާ ވިއްކަން އުޅޭކަން ވެސް އެނގުނީ ވަރަށް ފަހުން ކަމަށާއި މިހާރު ކޯޓުން ވަކި ގޮތެއް ނުނިންމައިފި ނަމަ ފަހުން މުދާ ނުވިއްކާނެ ކަމުގެ ގެރެންޓީއެއް ނެތް ކަމަށެވެ.

އެ މައްސަލަ ބައްލަވައި ސިވިލް ކޯޓުގެ އިސް ގާޒީ އާއިޝާ ސުޖޫން މުހައްމަދު ވިދާޅުވީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމަވާނީ މިރޭ 7:30 ގައި ކަމަށެވެ.