ހިފާފައިވާ ގުދްސު (ޖަނަވަރީ 4) : އިސްރާއީލުން ފަލަސްތީނުގެ ތިންޒުވާނުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި އެވެ.

އެޖަރީމާ އިސްރާއީލު ސިފައިން ހިންގާފައި ވަނީ ހިފާފައިވާ ގުދްސުގަ އެވެ. ފަލަސްތީނުގެ އަމްނާބެހޭ ފަރާތްތައް ބުނާގޮތުން މިތިން ޒުވާނުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މިތިން ޒުވާނުން އިސްރާއީލުގެ އިސްތިޢްމާރީ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވުމުންނެވެ. ނަމަވެސް އިސްރާއީލު ބުނާ ގޮތުން އެތިން ޒުވާނުންގެ ގަޔަށް ބަޑިޖެހީ ގޮވާތަކެތި ހިފައިގެން އުޅުމާ އެކު އިސްރާއީލު ސިފައިންގެ ދެ އަންހެނުންނަށް ހަތިޔާރުން ޙަމަލާދިނުމުންނެވެ. މިހަމަލާތަކުގައި އިސްރާއީލު ސިފައިންގެ އަންހެނަކު މަރުވެ އިތުރު އަންހެނަކު ޒަޚަމްވިކަމަށްވެސް އިސްރާއީލު ސިފައިން ބުނެ އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ފަލަސްތީނުގެ ޒުވާނުންއިސްރާއީލުގެ އިސްތިޢްމާރީ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވުމަކީ އަބަދު ވެސް ކުރަމުން ގެންދާކަމެކެވެ. އިސްރާއީލު ވަނީ މުޅި ފަލަސްތީނު ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް ޣައްޒާއާ ދެކޮޅަށް ޙިސާރުގެ ފިޔަވަޅުތައް އަޅާފަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ކަމަށް ޓަކައި އިސްރާއީލާ އެކު ފަލަސްތީނުން ވާހަކަ ދައްކަމުން ގެންދާތާ 22 އަހަރު ވެފައިވެ އެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ އެއްވެސް ބިމެއް މިނިވަންކޮށްދީފައެއް ނުވެ އެވެ. އަދި އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި ގިނައަދަދެއްގެ ޔަހޫދީ އަވަށްތައް ވެސް ގާއިމް ކުރަމުންނެވެ. މިކަމުގެ ބޭނުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށްއަތްދަށުލުމާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ފަލަސްތީނުގެ ބިމުގައި ގާއިމްކުރުމުގެ ފުރްސަތު ނުދިނުން ކަމަށް ފަލަސްތީނުގެ ރައްޔިތުންދެކެ އެވެ.

އިސްރާއީލުން މިދިޔަ އޮކްޓޯބަރުމަހު މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ގޯނާކޮށް އެތަނުގައި ނަމާދުކުރާ ފަލަސްތީނުގެ ރައްޔިތުންގެ ގިނަބަޔަކަށް އެފުރްސަތު ނުދިނުމާ ގުޅިގެން ފަލަސްތީނުގެ ޒުވާނުން އިސްރާއީލާ ދެކޮޅަށް ފެށި އިންތިފާޟާގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 170 އަށްވުރެ ގިނަމީހުން ފާއިތުވި ހަތަރު މަސްތެރޭގައި ޝަހީދުކޮށް ހާހަކަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފަ އެވެ. މީގެ އިތުރުން ޝަރީއަތަކާނުލައި އިސްރާއީލުން ވަނީ އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފަ އެވެ.

އިސްރާއީލުގެ މިއަނިޔާވެރި އަމަލުތަކާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރާޖިހާދުގައި އިސްރާއީލުގެ 30 އަށް ވުރެ ގިނަ މީހުން މިހަތަރު މަސްތެރޭގައި މަރާލައި ފަންސާހަށް ވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވެ އެވެ. (އަލްޖަޒީރާ)