ޕޮޕް އިންޑަސްޓްރީގައި އެންމެ ނަން މަޝްހޫރު ފަންނާނު ކަމަށްވާ ޓޭލާ ސްވިފްޓް އޭނާގެ މޯބައިލް ގޭމެއް ނެރުމަށް ހަމަޖައްސައިފި އެވެ.

މަޝްހޫރު އާޓިސްޓުން އެ މީހުންގެ ވީޑިއޯ ގޭމްތައް އުފެއްދުމަކީ އާންމު ކަމެއް ނޫނެވެ. އެގޮތުން ކިމް ކާޑޭޝިއަން ވެސް ވަނީ އޭނާގެ އަމިއްލަ މޯބައިލް ގޭމެއް މީގެ ކުރިން ނެރެފަ އެވެ.

ސްމާޓްފޯން އަދި ޓެބްލެޓްތަކަށް ގޭމް އުފައްދާ ކުންފުންޏެއް ކަމަށްވާ "ގްލޫ" އާ ގުޅިގެން ޓޭލާ ސްވިފްޓްގެ ގޭމް އުފެއްދުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން އެ ގޭމް ނެރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހު ކޮޅުގައި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގްލޫގެ ސީއީއޯ ނީކޯ ޑީ މާސީ ވިދާޅުވީ ސްވިފްޓްގެ ގޭމަކީ އެ ކުންފުނިން މީގެ ކުރިން އުފެއްދި ހުރިހާ ގޭމްތަކާ އެކި ގޮތްގޮތުން ތަފާތުވާނެ ގޭމެއް ކަމަށެވެ.

"މި ގޭމުގައި ޓޭލާގެ ޕާސަނޭލިޓީ އާއި އޭނާގެ ގިނަ ހުނަރުތައް ފެނިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އެ ގޭމް އުފެއްދުމުގެ ގޮތުން ގްލޫ އާއި ޓޭލާ ސްވިފްޓް ގުޅިފައިވާއިރު އެ ގޭމް އުފެއްދުމަށް މަސައްކަތް ކުރުމަށް ޓޭލާ ސްވިފްޓް ވަނީ އެ ކުންފުންޏަށް 75 މިލިއަން ޑޮލަރު ހަވާލުކޮށްފައެވެ.

ޓޭލާ ސްވިފްޓަކީ ސޯޝަލް ނެޓްވޯކްތަކުގައި ވެސް އެންމެ މަގުބޫލު އެކަކެވެ. އެހެން ކަމުން އެ ގޭމުން ބޮޑު ފައިދާއެއް ލިބިދާނެ ކަމަށް އެ ކުންފުނިން ލަފާކޮށްފައިވެ އެވެ.