04 Feb 2016, 10:11
މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިއްްޔެ ނެރުނު ބަޔާނުގައި ބުނީ، އެމީހާ ހުއްޓުވައި ބަލައި ފާސްކުރި އިރު އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓަކާއި ފިލްމު ހުސްކުރި 25 ދަޅު ފެނިފައިވާ ކަމަށެވެ.
ހަމައެހެންމެ، އޭނާ ދުއްވާ ކާރު ބަލައި ފާސް ކުރި އިރު މަސްތުވަތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ފަސް ދަޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެމީހާ ހައްޔަރު ކުރުމަށް ފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.