04 Feb 2016, 02:55
މިދިޔަ ހޯމަ ދުވަހުގެ ރޭ ހދ. ކުނބުރުދޫން ފެނިފައިވާ ވަޒަންތަކަކީ، 2014 ވަނަ އަހަރުގެ ކުރީކޮޅު ބޭރުގެ އަސްކަރިއްޔާއަކާ އެމްއެންޑީއެފް ގުޅިގެން ހިންގުނު އަސްކަރީ ތަމްރީނުތަކެއްގައި ބޭނުންކުރެވުނު ވަޒަންތަކެއް ކަމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.
އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، "2016 ފެބްރުއަރީ 1 ވަނަ ދުވަހު ހދ. ކުނބުރުދޫން ފެނިފައި ވަނީ، އަސްކަރީ ތަމްރީނުތަކުގައި ބޭނުންކުރާ ނޮން ލީތަލް 'ސިމިއުނިޝަން ރައުންޑްސް'ތަކެއް" ކަމަށެވެ. އަދި ކުނބުރުދޫގައި އެ ވަޒަންތައް ބެހެއްޓުނު ސަބަބު މިހާރު ބަލަމުންދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ކުނބުރުދޫން ގިނަ އަދަދެއްގެ ވަޒަންތައް ފެނުނު މައްސަލައިގައި، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ބައެއް ފަރާތްތަކުން ޚަބަރާއި ފޮޓޯތައް ޝާއިއުކުރަމުންދާކަން ފާހަގަކޮށް ގައުމީ ދިފާއީ ބާރުން ބުނީ، "އެމްއެންޑީއެފްގެ އާމަރީއާއި ހަތިޔާރާ އެންމެހާ ކަންކަން ކުރިޔަށްވުރެވެސް މިހާރު ވަނީ ހަރުދަނާކުރެވިފައި" ކަމަށެވެ.
"އަދި ދިވެހި ރައްޔިތުންނާއި ގައުމުގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ހާލަތެއް މިހާރު ނެތްވާހަކަ ދަންނަވަމެވެ." އެމްއެންޑީއެފްގެ ބާޔަނުގައިވެއެވެ.
ކަން މިހެން އޮތްއިރުވެސް މާކުރިން ހިނގާފައިވާ ކަންކަމުގެ ޚަބަރުތަކާއި ފޮޓޯތައް ޝާއިއުކޮށް، އެތަކެއްޗަކީ އެމްއެންޑީއެފްގެ އާމަރީން މިހާރު ގެއްލިފައިވާ ތަކެތިކަމަށް ބަޔާންކޮށް، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް މީޑިއާގައި ހަގީގަތާޚިލާފު ވާހަކަތަށް ނުފެތުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.