ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ ސަރުކާރުގައި އެއްވެސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ސަރުކާރުން އެމައްސަލަ ބަލާނެ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ސަން ޓީވީގެ 'ސިޔާސީ އޮއިވަރު' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުރޫފު މިރޭ ވިދާޅުވީ، މިސަރުކާރުގައި ވެސް މީހަކު ފަސާދައިގެ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"...މިސަރުކާރުގައި ވެސް މީހަކު ފަސާދައިގެ އަމަލެއް ހިންގަފާނެ. ނޫނީ ޚިޔާނާތްތެރިވެދާނެ. ނޫނީ ކޮރަޕްޝަންގެ އަމަލެއް ހިންގަފާނެ. ވަޒީރެއް ވެސް ހިންގަފާނެ. ނައިބުރައީސެއް ވެސް ހިންގަފާނެ. ބޯޑެއްގެ އެމްޑީ ވެސް ހިންގަފާނެ. ޗެއާމަނަކުވެސް ހިންގަފާނެ. އެހެންވީމާ އެ ހިންގާ މީހަކާ ދޭތެރޭގައި މި ދައުލަތުން، ނޫނީ މިސަރުކާރުން އަދަބު ދޭނެ އިނގޭތޯ،" މައުރޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނައިބު ރައީސަކާ މެދު ޚިޔާނާތުގެ ތުހުމަތެއް ކުރެވުމުން އެމައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި އެފަދަ އެއްވެސް ކަމެއް ތަހުގީގު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ، އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދު ކޮރަޕްޝަންގެ އަމަލެއް ހިންގެވިޔަސް އޭނާ ވެސް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސިޔާމް އެފަދަ އަމަލެއް ހިންގަވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"...މިއަދު އަޅުގަނޑުމެންގެ ލީޑަރާ ބެހޭ ގޮތުން ބައެއް މީހުން އެބަ ދައްކާ ވާހަކަ. އަޅުގަނޑު ވަރަށް ސާފުކޮށް މިބުނަނީ، އެމަނިކުފާނުގެ ތާރީހު ތިޔަބޭފުޅުން ބައްލަވާ، ރައީސް މައުމޫނުގެ ޒައާމަތުން ފެށިގެން މިއަދާ ހިސާބަށް ވެސް. ސިޔާމް ނީންނާނެ އިނގޭތޯ ލޯ ސެންޓެއްގައި ވެސް ޖެހިފައި،" މައުރޫފު ވިދާޅުވިއެވެ.

ސިޔާމް އެފަދަ އަމަލެއް ހިންގެވިކަމުގެ އެއްވެސް ގަރީނާއެއް އެއްވެސް އޮޑިޓްރިޕޯޓަކުން ވެސް ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"... އަޅުގަނޑުމެން އެމްޑީއޭ އުފެއްދި އެންމެ ބޮޑު މަގުސަދަކީ ވެސް އެއީ، ދިވެހިރާއްޖޭން ކޮރަޕްޝަން ނައްތައިލުން،" އޭނާ ވިދާޅުވިއެވެ.