މީހަކު، ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ހިޔާލުތަފާތުވެއްޖެއްޔާ އެމްޑީޕީން އެމީހަކު ޝައިޠާނަކަށް ވެސް ހަދައިފާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ( ރީކޯމޫސަ) ވިދާޅުވެއްޖެއެވެ.

ސަންޓީވީގެ '50 މިނިޓް' ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ، ނަޝީދާ ހިޔާލުތަފާތުވެއްޖެއްޔާ އެމީހަކު ވިކިފައި ހުރި މީހަކަށް އެމްޑީޕީން ހަދާފާނެ ކަމަށާއި އެއީ އެކަން ހިނގަމުން އަންނަ ގޮތް ކަމަށެވެ.

"...އެމްޑީޕީން، ރައީސް ނަޝީދާ މީހަކު ހިޔާލުތަފާތުވެއްޖެއްޔާ އެމީހަކު ދެން ހަދާފާނެ ހަމަ ކޮންމެ އެއްޗަކަށް ވެސް. މިސާލަކަށް އެމީހަކު ހަދާފާނެ ޝައިޠާނާޔަކަށް ވެސް. ވިކިފައި ހުރި މީހަކަށް ވެސް ހަދާފާނެ. މީހަމަ އެ މަސައްކަތް ހިނގާ ގޮތް އެއީ،" މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އުސޫލުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލަކީ ހުދު ކާފޫރު ކަމަށް އެމްޑީޕީން މިހާރު ހަދާފައިވާ ކަމަށެވެ.

ޖަމީލާއި އޭނާގެ އަރިސް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއަކީ ފަސާދައިން ފުރިފައި އޮތް ޕާޓީއެއް ކަމަށް އެބޭފުޅުން ރައްޔިތުންނަށް ސިފަކޮށްދެއްވާފައިވާ ކަމަށެވެ.

"...މިހެން ކިޔަމުން ކިޔަމުން ގޮސް މުޅި އެމްޑީޕީއަކީ ފަސާދައިން ފުރިފައި އޮތް ތަނެއް ކަމަށް ރައްޔިތުންނަށް ސިފަކޮށްދީ، އެކެމްޕޭނުކޮށްފައި ދެން އެރީ ރައީސް ޔާމީނާ އެކީ،" މޫސަ ވިދާޅުވި އެވެ.

ޖަމީލަކީ ސިޔާސީ ގޮތުން ބުރަދަނެއް ހުރި ބޭފުޅެއް ނޫން ކަމަށާއި އަދި ޓީމެއް ވެސް އޮތް ބޭފުޅެއް ނޫންކަމަށް މޫސަ ވިދާޅުވިއެެވެ. އަދި އޭނާ އާ އެމްޑީޕީން އުޅެނީ ކޯލިޝަން ހަދައިގެން ނޫން ކަމަށާއި ޖަމީލު އުޅުއްވަނީ އެމްޑީޕީއަށް ސޮއިކުރައްވައިގެން ކަމަށް ވެސް މޫސަ ސިފަކުރެއްވިއެވެ.

"...ރަނގަޅަށް މައިތިރިވީމާ ދެން އަދި ޖަމީލުގެ ފޯމް ފެނިގެންދާނެ. ޖަމީލު ކާކުތޯ އެއީ އެމްޑީޕީއަށް ގެންނަން،" މޫސަ ވިދާޅުވި އެވެ.