20 Apr 2011, 16:29
އިޒްރޭލުގެ އެއާލައިނަކުން ރާއްޖެ އަށް އުދުހުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށް ސިވިލް އޭޝަން ޓީޕާޓްމަންޓުން މިއަދު ބުނެފި އެވެ.
ސިވިލޭއޭޝަން ޑިޕާޓްމަންޓުން ވާހަކަ ދެއްކެވި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެއިން ޖަލީލް މިއަދު ވިދާޅުވީ އިޒްރޭލުގެ ސަންޑިއޯ އެއާލައިނުން މި އަހަރުގެ އޮކްޓޯމްބަރު މަހުން ފެށިގެން ރާއްޖެ އަށް ޗާޓާ ތަދުރުތަކެއް ކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށެވެ.
ސަންޑިއޯ އެއާލައިންސް އިން ހުއްދަ އަށް އެދިފައި ވަނީ އިޒްރޭލުގެ ވިޔަފާރީގެ މަރުކަޒީ ރަށް ތެލްއަވީވުން މާލެ އަށް ޗާޓަރު ދަތުރުތަކެއް ކުރުމަށް ކަމަށް ޖަލީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުއްދަ ދިނުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،" ޖަލީލް ވިދާޅުވި އެވެ.
އިސްލާމުންނަށް އިހާނެތި ގޮތްތައް ހަދާ މުސްލިމުންގެ މުގައްދަސް ތަންތަނަށް ދެރަވަރު ގޮތް ހަދަމުންދާ އިޒްރޭލާއި ދިވެހި ސަރުކާރާ މެދު ގާތްގުޅުންތަކެއް ބާއްވަމުން އަންނާތީ ރާއްޖޭގައި ހުރި ދީނީ ބޮޑަތި ޖަމާއަތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދަށް މަޖިލީހުން ރުހުން ދީފައި ނުވުމުގެ މައިގަނޑު ސަބަބެއްކަމުގައި އިޒްރޭލާ އެކު ސަރުކާރުން ސިޔާސީ ގުޅުން ގާއިމްކުރުން ހިމެނެ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޝައިހު ޝަހީމް އަލީ ސައީދު އެ މަގާމުން އިސްތިއުފާދެއްވައި ސަރުކާރާ ފެޔަށް ޖެހިވަޑައިގަތީ ވެސް އިޒްރޭލާއި ދިވެހި ސަރުކާރާ ދެމެދު އޮންނަ ގާތްގުޅުންތަކުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.