ރިޝީ ކަޕޫރު،ފިލްމު: ކަޕޫރް އެންޑް ސަންސް

ރިޝީ ކަޕޫރުގެ އެންމެ އަވަހަށް ރިލީޒު ކުރަން ހަމަޖެހިފައިވާ ފިލްމު "ކަޕޫރު އެންޑް ސަންސް"ގައި އޭނާ ފެނިގެން ދަނީ ވަރަށް ތަފާތު މޭކަޕަކުންނެވެ. ވަރަށް ދުވަސްވެފައިވާ މީހެއްގެ ސިފަ ދައްކުވައިދޭ އެ މޭކަޕަކީ ވަރަށް ބުރަ މަސައްކަތެއްކަން ޔަގީނެވެ. ރިޝީ އެ މޭކަޕްގައި ހުންނަ އިރު، އޭނާގެ އަސްލު ސިފައާ އެއްވެސް އެއްގޮތްކަމެއް ނުހުރެ އެވެ.

ޝާހުރުކްހާން،ފިލްމު: ފޭން

އަންނަ އޭޕްރިލް މަހު 15 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ފޭން"ގައި ޝާހު ފެނިގެން ދަނީ ވަރަށް ތަފާތު މޭކަޕް އަކުންނެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދަނީ ވަރަށް ޒުވާން ކުއްޖެއްގެ ގޮތުގަ އެވެ. އެގޮތުން އެ ފިލްމުގައި ޒުވާނެއްގެ ރޯލު ކުޅުމަށް އޭނާ ވަނީ ޑިޖިޓަލް 3ޑީ ފޭސް ސްކޭނެއް ވެސް ހަދާފަ އެވެ.

އަމީތާބު ބައްޗަން، ފިލްމު: ޕާ

ފިލްމު "ޕާ"ގައި ޕްރޮޖީރިއާ ޖެހިފައި ހުރި ކުއްޖެއްގެ ރޯލު ކުޅުމަށް އަމީތާބު ވެސް ވަނީ ވަރަށް ތަފާތު މޭކަޕެއް ކޮށްފަ އެވެ. އެ ފިލްމުގައި އޭނާގެ މޭކަޕް ކޮށްފައި ވަނީ އިންޓަނޭޝަނަލް މޭކަޕް އާޓިސްޓެއް ކަމަށްވާ ސްޓެފެން ޑުޕުއިސް އެވެ. އެ ފިލްމުގައި އަމީތާބު އަދާ ކުރަނީ ޕްރޮޖީރިއާ ޖެހިފައިވާ އޯރޯ ނަމަކަށް ކިޔާ ކުއްޖެއްގެ ރޯލެވެ.

ރިތިކު ރޯޝަން، ފިލްމު: ދޫމް2

"ދޫމް2" ގައި ރިތިކު ވަރަށް ދުވަސްވެފައިވާ މީހެއްގެ ރޯލުން ފެނިގެންދެ އެވެ. އެ ފިލްމުގައި އޭނާ މޭކަޕް ކޮށްފައި ވަނީ ލަންޑަންގެ ހައިބްރިޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. ކޮންމެއަކަސް އެއީ ވެސް ވަރަށް ބުރަ މަސައްކަތުން އަދި ގިނަ ވަގުތު ހޭދަކޮށްގެން ކޮށްފައިވާ މޭކަޕެއްކަން ޔަގީނެވެ.

މައުލޫމާތު: އިންޑިއަން އެކްސްޕްރެސް.ކޮމް