04 Feb 2016, 08:54
ކަންފަތުގެ ރިހުމަކީ ވަރަށް ގިނަ ފަރާތްތަކަކުން ތަހައްމަލު ކުރަމުން އަންނަ ވޭނެކެވެ. ބައެއް މީހުންނަށް އެއީ މާ ބޮޑު ކަމަކަށް ނުވި ކަމުގައިވީ ނަމަވެސް، އެއީ ކަންބޮޑުވާން ޖެހޭވަރުގެ ކަމެކެވެ.
ކަންފަތުގައި ރިއްސާ ނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކައި ރިހުމުގެ ސަބަބު ދެނެގަތުން މުހިއްމެވެ. އަދި ވީހާ ވެސް އަވަހަކަށް އެކަމަށް ފަރުވާ ހޯދުން މުހިއްމެވެ. އެހެން ނޫން ނަމަ ފަހުން ނުކުންނަ ނަތީޖާ މާ ދެރަވާނެ އެވެ.
ކަންފަތުގައި ރިއްސުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކަންފަތް ރަނގަޅަށް ސާފު ނުކުރެވުން، ކެވޭ ކާނާ އެއްގެ ސަބަބުން، ދިރިއުޅޭ މާހައުލުގެ ސަބަބުން ނުވަތަ އެލާޖިކެއްގެ ސަބަބުން ވެސް ރިއްސުމަށް މެދުވެރިވެ އެވެ.
ކަންފަތުގައި ރިއްސާ ނަމަ ގޭގައި ވެސް ފަރުވާ ދެވިދާނެ އެވެ. އެގޮތުން ބަދިގެއިން ފަސޭހަކަމާ އެކު ލިބެން ހުންނަ ބައެއް ތަކެތި ބޭނުންކޮށްގެން ކަންފަތަށް ފަރުވާ ދެވިދާނެ އެވެ.
ލޮނުމެދު
ކަންފަތުގެ ރިހުމަށް ލޮނުމެދު ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ދެ ލޮނުމެދު ޗަސް ކޮށްލުމަށް ފަހު ދެ ސަމްސާ ތަރުކާރީ ތެލުގައި ނުވަތަ ސީސޭމް ތެލުގައި ކައްކާލާށެވެ. އަދި ހިހޫ ވަންދެން ބަހައްޓާށެވެ. ބޭނުން ކުރެވޭ ވަރަށް ހިހޫ ވުމުން (އެއްކޮށް ހޫނުކަން ނުކެނޑެނީސް) އޭގެއިން ދެތިން ތިކި ތަދުވާ ކަންފަތަށް އަޅާލާށެވެ. އަދި އިރުކޮޅަކުން ކަންފަތް ސާފުކޮށްލާށެވެ.
ފިޔާ
ކުޑަ ފިޔައެއް ހިމުން ކުރުމަށް ފަހު މައިކްރޯގައި ހޫނުކޮށްލާށެވެ. އަދި ހިހޫވުމުން ސާފު ފޮތި ގަނޑެއް ބޭނުންކޮށްގެން ފިޔާކޮޅުގެ ދިޔަ ފެލާލާށެވެ. އެއަށްފަހު ދެތިން ތިކި ތަދުވާ ކަންފަތަކަށް އަޅާލާށެވެ. އަދި އިރުކޮޅަކުން ކަންފަތް ސާފުކޮށްލާށެވެ.
ޒައިތޫނި ތެޔޮ
ކަންފަތް ސާފު ނުކޮށް ގިނަ ދުވަސް ވެގެން ތަދުވާ ނަމަ ޒައިތޫނި ތެޔޮ ބޭނުން ކުރެވިދާނެ އެވެ. ކުޑަ ޒައިތޫނި ތެޔޮ ފޮދެއް މައިކްރޯވޭވްގައި ހޫނުކޮށްލާށެވެ. އަދި ބޭނުން ކުރެވޭ ވަރަށް ހިހޫ ވުމުން ތަދުވާ ކަންފަތަށް ދެތިން ތިކި އަޅާލާށެވެ. އަދި އިރުކޮޅަކުން ސާފުކޮށްލާށެވެ.
މި ބަޔާންކޮށްދެވުނީ ކަންފަތުގެ ރިހުމަށް ލުއި ކަމެއް ހޯދުމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާ ތަކެވެ. އެހެންނަމަވެސް އެ ފަރުވާތަކުން ވެސް ލުއި ކަމެއް ނުލިބޭ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.