03 Feb 2016, 20:09
ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ކަރަންޓް ބިލުތަކަށް ކުރަމުން ދިޔަ ހޭދަ (ސަބްސިޑީ) ދަށް ކުރުމުގެ ސަބަބުން ކަރަންޓް ބިލުތަކަށް އިތުރުވެގެންދާ މިންވަރަކީ ރައްޔިތުންގެ ކެރިފޯރުންތެރިކަމަށް ބަލާއިރު ބޮޑު އިތުރުވުމެއް ނޫން ކަމަށް މޯލްޑިވްސް އެނާޖީ އޮތޯރިޓީން ބުނެފިއެވެ.
އެނާޖީ އޮތީރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 'އާއްމުންގެ' ކަރަންޓްބިލަށް ދައުލަތުން ކުރާ ހޭދަ ދަށް ކުރުމަށް ހުއްދަދީފައި ވަނީ ފޯރުންތެރިކަމަށް ސަމާލުކަން ދީގެން ކަމަށެވެ.
"...މި ބަދަލާއި އެކު ދައުލަތުން އާއްމުންގެ ކަރަންޓް ބިލަށް ހޭދަކުރާ މިންވަރު ދަށްކުރުމަށް ހުއްދަދެވިފައި އެވަނީ އާއްމުންގެ ފޯރުންތެރިކަމަށް ސަމާލުކަން ދެވިގެނެވެ. އަދި ދައުލަތުގެ ބަޖެޓުން އާއްމުންގެ ބިލުތަކަށް ކުރަމުން ދިޔަ ހޭދަ ދަށްކުރުމުގެ ސަބަބުން އާއްމުންގެ ކަރަންޓްބިލުތަކަށް އިތުރުވެގެންދާ މިންވަރަކީ އާއްމުންގެ ކެރިފޯރުންތެރިކަމަށް ބަލާއިރު އިތުރުވުމެއް ނޫނެވެ،" އެނާޖީ އޮތޯރިޓީގެ ބަޔާނުގައި ވެއެވެ.
އެބަޔާނުގައި ބުނެފައި ވަނީ ކަރަންޓްގެ ހިދުމަތްދޭ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން އެހީގެ ގޮތުގައި ދޭ ފައިސާގެ ތެރެއިން 500 މިލިއަނެއްހާ ރުފިޔާ، މި ބަދަލުގެ ސަބަބުން ކެޕިޓަލް އިންވެސްޓްމެންޓަށް ބޭނުންކުރެވޭނެ މަގު ތަނަވަސްވެފައިވާ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވުވުމަށް މަގުފަހިވާނެ ކަމަށް ވެސް އެނާޖީ އޮތޯރިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުން އަރާ ފަދަ ގޮތަކަށް މައުލޫމާތު ފަތުރަމުންދާ ކަމަށް އެނާޖީ އޮތޯރިޓީން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށް ވެސް އެއޮތޯރިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.