އަންނަ މާޗް މަހުގެ 26 ން އޭޕްރިލް 25ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް، "މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2016"ގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ކްލަބް މޯލްޑިވްސް އާއި ދިރާގާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާގައި އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން ޑައިރެކްޓަރު އަހްމަދު މައުމޫނާއި ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހަންމަދު މިރްޝާން ހަސަނެވެ. ކްލަބް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އަބްދުއްރަޝީދު އަލީ އާއި އިސްމާއީލް ސުވައިދުއެވެ.

މިއަދުގެ އެއްބަސްވުމާ ގުޅޭގޮތުން ކްލަބް މޯލްޑިވްސްގެ އަބްދުލް ރަޝީދު އަލީ ވިދާޅުވީ، ދިރާގު ފަދަ ކުންފުންޏެއްގެ ބައިވެރިވުން ކްލަބް މޯލްޑިވްސް ކަޕަށް ލިބިގެން ދިޔުމުން އުފާކުރާ ކަމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ނެޓްވޯކް ކަމަށްވާ ދިރާގު، މި މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް ވެގެންދިޔުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް. އަދި 11 އަހަރު ވަންދެން މެދުނުކެނޑި ކުރިޔަށް ގެންދެވޭ މި މުބާރާތް، އެހެން އަހަރުތަކަށްވުރެވެސް ފުރިހަމަ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގައި ދިރާގުގެ ބައިވެރިވުން ލިބުމަކީ މި މުބާރާތަށް ލިބިގެންދާ ނުހަނު ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

މައިލޯ ކްލަބް މޯލްޑިވްސް ކަޕްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަ ޖެއްސުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ދިރާގު ހެޑްއޮފީހުގައި ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ދިރާގު

މިފަހަރުގެ މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން، ދިރާގާއި ކްލަބް މޯލްޑްވްސް އިން ވަނީ، މުބާރާތް ކުރިޔަށްދާ ދުވަސްވަރު އެސްއެމްއެސް މެދުވެރިކޮށް ހާއްސަ ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ނިންމައިފައެވެ.

ދިރާގުގެ ފަރާތުން މިރްޝާން ހަސަން ވިދާޅުވީ، "ރާއްޖޭގައި މިހާރު ކުރިޔަށްދާ އެންމެ ބޮޑު، އެންމެ މަޤްބޫލް، އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ދިރާގު ޚިޔާރު ކުރެއްވި ކަމަށްޓަކައި ކްލަބް މޯލްޑިވްސް އަށް ޝުކުރު އަދާކުރަން. ކްލަބް މޯލްޑިވްސް އެކޭ އެއްފަދައިން ދިރާގުގެ ވެސް އުންމީދަކީ މި ބައިވެރިވުމާއިއެކު މި އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަ ވެގެންދިޔުން،" ކަމަށެވެ.

ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގައި މިގޮތަށް ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

އަދި މި މުބާރާތުގެ އަންހެން ބައި، 30/18 ވިމެންސް ފުޓްސަލް ފިއެސްޓާގެ ނަމުގައި ކުރިޔަށް ގެންދާތާ މިއީ 5 ވަނަ އަހަރަށް ވާއިރު މި މުބާރާތަކީވެސް ފިރިހެން މުބާރާތާއި އެއްވަރަށް ފޯރި ގަދަވެގެންދާނޭ މުބާރާތެއް ކަމުގައި ކްލަބް މޯލްޑިވްސް އިން ބުންޏެވެ.