03 Feb 2016, 17:57
އިންޑިއާގެ ބެންގަލޫރުގެ އެބެނީޒާ އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކަށް އިނގިރޭސި ޕްރިމިއާ ލީގްގެ މަޝްހޫރު ކުލަބު މެންޗެސްޓާ ޔުނައިޓެޑްގެ ޓްރެއިނިން އެކެޑެމީއެއްގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބިއްޖެއެވެ.
އެބެނީޒާ އިންޓަނޭޝަނަލް ސްކޫލްގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު ދައިސަމް އަށް މިފުރަސަތު ލިބިފައިވަނީ އިނގިރޭސި ވިލާތުގައި ބާއްވާ ޕްރިމިއާ އެކްސްޕްލޯ ކަޕުގައި ބެންގަލޫރު ތަމްސީލު ކުރުމަށް ބޭއްވުނު ޓްރަޔަލްއަކުންނެވެ.
މިޓްރެޔަލް ބާއްވާފައިވަނީ މެންޗެސްޓާ އެކެޑެމީގެ ކޯޗުން ތިބެގެންނެވެ.
އިންޑިއާގައި ހުރެ މިއަދު ހަވީރު 'ސަން' އާ ވާހަކަ ދައްކަމުން ދައިސަމް ބުނީ، ދިވެހި ކުއްޖަކަށް މިފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވި ކަމަށާއި ސިލެކްޝަން ޓްރެޔަލްއަށް އޭނާ ދިޔައީ ރާއްޖޭގެ ގައުމީ ޓީމު ޖާޒީ ލައިގެން ކަމަށެވެ. އަދި އޭނާ ދެކެނީ އެއީ ގައުމު ތަމްސީލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
"ވަރަށް އުފާވި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުން ތިބެގެން ބޭއްވި ސިލެކްޝަންގައި މިފުރުސަތު ލިބުމުން. އަޅުގަނޑު ޓްރެޔަލްއަށް ދިޔައީވެސް ރާއްޖޭގެ ގައުމީ ޓީމު ޖާޒީ ލައިގެން. އަޅުގަނޑު ދެކެނީ މިއީ ރާއްޖެވެސް ތަމްސީލު ކުރަން ލިބޭ ފުރުސަތެއް ކަމަށް،" ދައިސަމް ބުންޏެވެ.
މެންޔޫގެ ސެއިންޓް ޖޯޖްސް ޕާކް ފުޓްބޯލް ސްކޫލުގައި ބާއްވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިހަ ދުވަހުގެ މުއްދަތަށެވެ.
ދައިޝަމް ރާއްޖޭގެ ގައުމީ ޓީމް ޖާޒީގައި މެންޗެސްޓާ ޔުނައިޓާޑްގެ ކޯޗުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން ---
ދައިސަމް ބުނީ އިންގްލެންޑްގައި ބާއްވާ ދިހަ ދުވަހުގެ ޓްރެއިނިންގައި ރަނަގަޅަށް ޕާފޯމް ކުރާނަމަ މެންޔޫގެ ފުޓްބޯޅަ ސްކޫލެއްގައި ތަމްރީން ހެދުމުގެ ފުރުސަތު ދޭނެ ކަމަށް މެންޔޫގެ ކޯޗުން ބުނެފައިވާ ކަމަށެވެ.
އެހެންވެ އެފުރުސަތު ބޭނުން ހިފުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޕްރޮފެޝަނަލް ކެރިއާއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން ވިސްނަންތޯ ސުވާލު ކުރުމުން އުމުރުން 16 އަހަރުގެ ދައިޝަމް ބުނީ ކޮންމެވެސް ވަރަކަށް އެ ވިސްނުން ގެންގުޅޭ ކަމަށާއި މެންޔޫގެ ޓްރެއިން ކޭމްޕުން ވާ ގޮތަކުން އެކަން ވަކި ގޮތަކަށް ނިންމާނެ ކަމަށެވެ.
ބެންގަލޫރުގެ ޓްރެޔަލްގައި ބެންގަލޫރުގެ އެކި ސްކޫލު ތަކުން 80 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެ އަށްޑިހަ ދަރިވަރުންގެ ތެރެއިން ދައިސަމް ވަނީ ގަދަ 16 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
އެބެނީޒާ ސުކޫލުން މިފުރުސަތު ދައިޝަމްގެ އިތުރުން އިތުރު ދަރިވަރަކަށްވެސް ލިބިފައިވެއެވެ.