03 Feb 2016, 20:25
ވައިޓް ހައުސް (ފެބްރުއަރީ 3):އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެގައުމުގެ މިސްކިތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. މިއީ އެމެރިކާގައި ދީނީ މިނިވަންކަން އޮތްކަން ހާމަކުރުމުގެ ގޮތުން އޮބާމާ ކުރެއްވި ޒިޔާރަތެއްކަމަށް ވައިޓް ހައުސް އިން ބުނެއެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ، އެމެރިކާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތަކާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި މުސްލިމުންގެ ލީޑަރޝިޕާ އޮބާމާ ބައްދަލުކުރައްވާނެ ކަމުގައެވެ.
އެމެރިކާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި އެމެރިކާގެ މުޖްތަމަޢުގައި މުސްލިމުންނަށް އިންސާފު ނުލިބުމާއި ޓެރަރިޒަމްގެ ތުހުމަތު މުސްލިމުންގެ މައްޗަށް ކުރުމާއި އެފަދަ ތުހުމަތުތަކާއެކު ކުށެއްނެތް މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުން ހިމެނެއެވެ. އަދި އެމެރިކާގެ ހަރުކަށި ވިސްނުމުގެ މީހުންނާއި ސަލާމަތީ ބާރުތަކުގެ ގޯނާތަކުގެ ޝިކާރައަކަށް މުސްލިމުން ވެގެން ދިޔުމަކީވެސް އެމެރިކާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ.
މީގެއިތުރުން މުސްލިމުންގެ އަޅުކަންކުރާ މިސްކިތްތަކަށް ޖެއްސުންކުރުމާއި ބުރުގާއަށް ޖޯކު ޖެހުމާއި ބުރުގާއަޅާ އަންހެނުންނަށް ގޯނާކުރުމާއި އެމީހުން ވަޒިފާއިން ވަކިކުރުންފަދަ ނާތަހުޒީބީ އަމަލުތައްވެސް މުސްލިމުންނާ ދެކޮޅަށް އެމެރިކާގައި ތަކުރާރުކޮށް ހިންގަމުން ގެންދެއެވެ. މިކަންތައްތައް ހިންގަމުން ގެންދާއިރު މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށްދީ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އެމެރިކާގެ ސަރުކާރުތައްވަނީ ނާކާމިޔާބުވެފައެވެ. އޮބާމާ، މިއަދު ޒިޔާރަތް ކުރެއްވިކަމަށްވަނީ ބޮލްޓިމޯރ ގެ މިސްކިތަކަށެވެ.
އޮބާމާއަކީ އިންޑޮނީޝިޔާއާއި މެލޭޝިޔާއާއި މިސްރުގެ މިސްކިތްތަކަށް ޒިޔާރަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 2009 ވަނަ އަހަރުވަނީ އެމެރިކާއާއި އިސްލާމީ ދުނިޔޭގެ ގުޅުންތަކުގެ އައު ސަފްހާއެއް ފެށުމަށް ގޮވާލައްވާފައެވެ. އޮބާމާގެ ބައްޕަ ހުސައިން އޮބާމާއަކީ މުސްލިމެއް ނަމަވެސް އޮބާމާގެ މަންމަ އަކީ އެމެރިކާގެ ދޮން ނަސްލުގެ ނަސާރާއެކެވެ. (އަލްޖަޒީރާ)