ކަރާކަސް (ފެބްރުއަރީ 3):ވެނެޒުއޭލާގެ ރައީސް، ނިކޮލަސް މަޑޫރޯގެ ރިޔާސީ ދައުރު ކުޑަކުރަން އެގައުގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ ރެޑިކަލް ކޯސް ޕާޓީން ވެނެޒުއޭލާގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ ހަތަރު ގޮނޑި ކާމިޔާބުކޮށްފައިވާ ރެޑިކަލް ކޯސް ޕާޓީން ހުށަހެޅި އިސްލާހުގައި ވަނީ މިހާރުން ފެށިގެން އެގައުމުގެ ކޮންމެ ރައީސެއްގެ ރިޔާސީ ދައުރު ހަ އަހަރުން ހަތަރު އަހަރަށް ކުޑަކުރުމަށެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ ރައީސް މާޑޫރޯގެ ރިޔާސީ ދައުރު 2017ގައި ނިމޭނެ އެވެ. އަދި ފާސްނުވެއްޖެ ނަމަ ރައީސް ވެރިކަމުން ފައިބައިވަޑައިގަންނަވާނީ 2019 ވަނަ އަހަރު އެވެ.

އަދި، މިއަހަރު ނިމުމުން ގާނޫނު ހަދާ މަޖިލީހަށް އާ މެމްބަރުން ހޮވަން އިންތިހާބެއް ބޭއްވުމަށްވެސް އެ ޕްރޮޕޯޒަލްގައިވެ އެވެ.

"ނިކޮލަސް މަޑޫރޯ މިގައުމުގެ ވެރިކަމުގައި ހުންނެވުމަކީ ގައުމުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް. އެހެންކަމުން އޭނާ ވެރިކަމުގައި ހުންނެވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އެންމެން އެއްބަސްވޭ،" ރެޑިކަލް ކޯސް ޕާޓިން ބުންޏެވެ.

މިއަހަރު އަލަށް ހޮވުނު ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އިދިކޮޅު ޑިމޮކްރަޓިކް އެކްޝަން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ކުރިއަށް އޮތް ހަމަސް ތެރޭގައި ރައީސް މަޑޫރޯ ވެރިކަމުން ދުރުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (ޕްރެސްޓީވީ)