04 Feb 2016, 11:12
ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޕެޕް ގާޑިއޯލާ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ސިޓީން ބަލައި ނުގަތް ކަން ހާމަވެއްޖެ އެވެ.
ސިޓީގެ ކޯޗުކަމާ އަންނަ ސީޒަނުގައި ހަވާލުވާން ނިންމާފައިވާ ޕެޕް ގާޑިއޯލާ ކުޅުން ހުއްޓާލުމުގެ ކުރިން 2005 ވަނަ އަހަރު ސިޓީގެ ޓްރެއަލްއެއްގައި ބައިވެރިވި ނަމަވެސް އޭރުގެ ކޯޗު އިނގިރޭސި ވިލާތުގެ ސްޓްއާޓް ޕިއާސީ ވަނީ އޭނާ އެ ކުލަބަށް ނުނަގަން ނިންމާފަ އެވެ.
ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޕިއާސީ ބުނީ ގާޑިއޯލާ މެދުއިރުމަތީގައި ކުޅުމަށް ފަހު 2005 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ސިޓީއާއެކު ތަމްރީން ތަކެއް ފުރިހަމަ ކުރި ކަމަށާއި ނަމަވެސް އޭނާ ކުލަބަށް ނުނަގަން ނިންމީ ކަމަށެވެ.
"އަހަރެންނަކަށް ނޭންގޭ ކުރިން ގާޑިއޯލާ މިއީ ކާކު ކަމެއް. ކޯޗެއްގެ ގޮތުގައި މިހާ ކާމިޔާބު ވާނެކަން ކުރިން އެނގުނުނަމަ އަހަރެން ސިޓީގެ ކޯޗުގެ މަގާމުން ވަކިވެ ގާޑިއޯލާއާ އެ މަގާމު ހަވާލު ކުރާނަން،" ޕިއާސީ ބުންޏެވެ.
މީގެ ކުރިން ބާސެލޯނާ އާއި އިޓަލީގެ ރޯމާ އަށް ކުޅެފައިވާ ގާޑިއޯލާ ސިޓީ އިން ބަލައި ނުގަތުމުން އޭނާ ދެން ކުޅެފައި ވަނީ މެކްސިކޯގެ ކުލަބަކަށެވެ. އަދި 2006 ވަނަ އަހަރު ގާޑިއޯލާ ވަނީ ކުޅުންހުއްޓާލި ކަން އިއުލާން ކޮށްފައެވެ.
ކުޅުންތެރިއެއްގެ ގޮތުގައި މާގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައި ނުވި ނަމަވެސް ކޯޗެއްގެ ގޮތުގައި ގާޑިއޯލާއަކީ ކާމިޔާބު މޮޅު ކޯޗެކެވެ. އެ ގޮތުން ބާސެލޯނާގައި ހޭދަ ކުރި ހަތަރު އަހަރުގައި 14 ޓްރޮފީ އުފުލާލި އިރު ބޮންޑަސް ލީގުގައި ބަޔާން މިއުނިކްއާ އެކު ވަނީ ދެފަހަރު ލީގް އުފުލާލާފައެވެ.
ބަޔާން ގެ ކޯޗުކަން މިސީޒަނަށް ފަހު ދޫކޮށްލަން ނިންމާފައިވާ ގާޑިއޯލާ ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހު ސިޓީގެ ކޯޗެއްގެ ގޮތުގައި ހުރުމަށް އެއްބަސް ވެފައެވެ.