އަލްގުދުސް (ފެބްރުއަރީ 3): މިދިޔަ ޖެނުއަރީ މަހު އިސްރާއީލުގެ އަސްކަރީ ފައުޖުތަކުން 149 ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ އިންޑިޕެންޑެންޓް ކޮމިޝަން ފޯ ހިއުމަން ރައިޓްސް (އައިސީއެޗްއާރު)ން ބުނެފި އެވެ.

އައިސީއެޗްއާރުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އިސްރާއީލުގެ ސިފައިން އަލްގުދުސްގައި ހިންގަމުންދާ އޮޕަރޭޝަންތަކުގައި 52 މީހަކު ހައްޔަރުކުރީ އެމީހުންގެ ގެތަކުންނެވެ. ބާކީ މީހުން ހައްޔަރު ކުރީ އަލްގުދުސްގެ މަގުތަކުންނެވެ.

އަދި، ހައްޔަރުކުރި މީހުންގެ ތެރޭގައި 74 ކުޑަކުދިން ހިމެނޭ ކަމަށް އެބަޔާނުގައިވެ އެވެ. އޭގެ ތެރެއިން ނުވަ ކުދިންނަކީ 12 އަހަރުން ދަށުގެ ކުދިން ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ގާޒާގައި ހުންނަ މީޑިއާ ޑިޕާންޓްމެންޓުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އިސްރާއިލު ފައުޖުތަކުން ވަނީ ފަލަސްތީނުގެ ނޫސްވެރިންނަށް 51 ފަހަރަކު ހަމަލާދީފަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އެހެން ޖަމްއިއްޔާއެއް ކަމަށްވާ ފަލަސްތީނިއަން ޕްރިޒަނާސް ސޮސައިޓީ (ޕީޕީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ 17 ޖަލެއްގައި 7000 ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މިހާރު ވެސް އެބަތިބި އެވެ. (ޕްރެސް ޓީވީ)