20 Apr 2011, 15:39
އެމްއެންބީސީންގެ މުދާތަކެއް ވިއްކާލުމަށް އެ ކުންފުނިން އިއުލާން ކުރުމާ ގުޅިގެން އެކަން ހުއްޓުވައި ދިނުމަށް އެދި އެމްބީސީން ސިވިލްކޯޓަށް މައްސަލައެއް ހުށައަޅައިފި އެވެ.
އެމްބީސީން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ މުދަލާއި އިންސާނީ ވަސީލަތާއި ހައްގުތަކާއި އިލްތިޒާމްތައް ލިބިގަތުމަށް އެ ކުންފުނިން ސިވިލްކޯޓަށް މައްސަލަ ހުށައަޅާފައި ވަނިކޮށް އެ ކޯޕަރޭޝަންގެ ބައެއް މުދާތައް ވިއްކާލުމަށް އިއުލާންކޮށްފައި ވާތީ އެކަން ހުއްޓުވުވައި ދިނުމުގެ ކޯޓް އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
އަދި އެމްއެންބީސީގެ މުދަލާއި އިންސާނީ ވަސީލަތްތައް ހޯދުމަށް ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް ނިންމާލުމަށް ފަހު އަންނަ މަހުގެ 15 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވުމަށް ހަމަޖެހިފައި ވަނިކޮށް އެ ކޯޕަރޭޝަންގެ ބައެއް މުދާތައް ވިއްކާލަން ނިންމުމަކީ އެމްބީސީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމްބީސީގެ ބަޔާނުގައިވެ އެވެ.