ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަތުމަށް ފަހު އެ ފައިސާ ނުދައްކާ އޮތުމުން ޖޫރިމަނާގެ ގޮތުގައި 286،439،602 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ދެ މީހެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ މއ. ސައިނާހިޔާ އިބްރާހިމް ޔޫސުފްގެ އަތުން ގެސްޓް މުދާތަކެއް ގަނެފައިވާ ސ. މަރަދޫ ފޭދޫ ފެހިވިލާ، މޫސާ ހުސައިނާއި ސ. ހިތަދޫ ޝާން، އިބްރާހިމް ޒަމީރުގެ މައްޗަށެވެ.

ހުކުމުގައި ބުނެފައި ވަނީ އެ ދަރަނި އަދާ ކުރުމުގެ ގޮތުން މަހަކު 20،000 ރުފިޔާ އަށް ވުރެ ކުޑަނޫން އަދަދެއް ދައްކަން ޖެހޭނެ ކަމަށެވެ.

ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަތުމަށް އެއްބަސްވީ ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް 240،000 ރުފިޔާގެ 80 ޕަސެންޓު ޖޫރިމަނާ އަރާ ގޮތަށެވެ. އަދި ތަކެތި ގަތުމަށް ފަހު ތަކެތި ގަން ފަރާތުން ތަކެތި ވިއްކި ފަރާތަށް ވަނީ ތާރީހު ޖެހުމަށް ފަހު ޗެކުތަކެއް ދީފަ އެވެ. އެހެންކަމުން ދަރަނީގެ ފައިސާ ނުލިބިވާ ކޮންމެ ދުވަހަކަށް 182،000 ވުރެ ގިނަ ރުފިޔާ އަރަ އެވެ.

ހުކުމުގައި ބުނެފައި ވަނީ ދަރަނީގެ ފައިސާ ނުލިބި ޖުމުލަ 1572 ދުވަސް ވެފައިވާ ކަމަށެވެ.

އެއިން އެއްވެސް ތާރީހެއްގައި ތަކެތި ވިއްކި ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާކަން ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. ހުކުމުގައި ބުނެފައި ވަނީ އެ ޗެކުތައް ބައުންސުވެފައިވާކަން ހުށަހަޅާފައިވާ ލިޔެކިއުންތަކުން ހާމަވެފައިވާ ކަމަށެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް މަހަކު 20،000 ރުފިޔާ އަދާ ކުރާ ކަމަށް ވަނީ ނަމަ ދަރަނި އަދާކޮށް ނިމޭނީ 1192 އަހަރުން ނެވެ.