ރިޔާދް (ފެބްރުއަރީ 3): "ކުފުރު ވުމުގެ ކުށުގައި" ސައުދީ އަރަބިއާ އިން މަރުގެ ހުކުމް ކުރި ފަލަސްތީނުގެ ޅެންވެރިޔާ، އަޝްރަފް ފަޔާދްގެ ހުކުމް އަށް އަހަރުގެ ޖަލު ހުކުމަށް ބަދަލުކޮށްފި އެވެ.

ފަޔާދުގެ ވަކީލު އަބްދުއް ރަހްމާން އައްލާހިމް ވިދާޅުވީ މިހާރު ފަޔާދުގެ ހުކުމަކީ އަށް އަހަރުގެ ޖަލު ހުކުމާއި 800 ފަހަރު ހައްދު ޖެހުން ކަމަށެވެ. ހައްދު ޖަހާ ނިންމާނީ 16 ސެޝަނަކަށް ބަހާލައިގެންނެވެ. އަދި ފަޔާދް ކުށަށް ތައުބާވީކަން ސައުދީގެ ރަސްމީ މީޑިއާގައި އިއުތިރާފު ވާން ވެސް ކޯޓުން އެންގިކަމަށް ވަކީލު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފަޔާދްގެ މައްޗަށް މަރުގެ ހުކުމް ކުރުމާ ގުޅިގެން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ލިޔުންތެރިންނާއި އެކްޓަރުންނާއި އާޓިސްޓުން ވަނީ އޭނާ މިނިވަން ކުރަން ގޮވާލާފަ އެވެ.

ކޯޓު އަޑުއެހުންތަކުގައި ފަޔާދު ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ދޮގުކޮށްފަ އެވެ.

ފަޔާދުގެ ޅެންތަކުން އިސްލާމްދީނާ ދެކޮޅު ހިޔާލުތަށް ފަތުރާކަމަށް ބުނެ އޭނާއާ ދެކޮޅަށް ސައުދީ ރައްޔިތަކު ކުރި ޝަކުވާއަކާ ގުޅިގެން އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރީ އޮގަސްޓު 2013ގައި އެވެ. އޭގެ ފަހުން އޭނާ މިނިވަން ކުރުމަށް ފަހު އަނެއްކާ ވެސް ހައްޔަރު ކުރީ 2014 ވަނަ އަހަރު ދީނުން ބޭރުވުމުގެ ކުށުގަ އެވެ. (ސީއެންއެން)