ޓެކްނޮލޮޖީ ނުވަތަ މަޝްހޫރު ސާޗް އިންޖިން ކުންފުނި ކަމަށްވާ "ޔާހޫ"އަށް މާލީ ގޮތުން ގެއްލުން ލިބުމާ ގުޅިގެން ކުންފުނީގެ މަސައްކަތު ބައްޓަން ބަދަލު ކުރުމަށް ޓަކައި 1،700 މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފި އެވެ.

އެ ކުންފުނިން ވަކި ކުރި 1،700 މުވައްޒަފުންނަކީ އެ ކުންފުނީގެ މަސައްކަތް ކުރާ މުވައްޒަފުންގެ 15 ޕަސެންޓެވެ. ކުންފުނިން މުވައްޒަފުން ވަކި ކުރުމުގެ އިތުރުން އެ ކުންފުނީގެ ފަސް އޮފީހެއް ވެސް ބަންދު ކުރާނެ ކަމަށް ޔާހޫ އިން ވަނީ ބުނެފަ އެވެ.

އެ ކުންފުނީގެ ފަސް ބައިނަލްއަގުވާމީ އޮފީސް ބަންދު ކުރުމަށް ނިންމާފައިވާ އިރު ބަންދު ކުރުމަށް ނިންމާފައި ވަނީ ދުބާއި އާއި މެކްސިކޯ ސިޓީ އާއި ބުއޭނޯސް އޭރެސް އާއި މެޑްރިޑް އަދި މިލާންގައި ހުރި އޮފީސްތަކެވެ.

ކުންފުނީގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ ކުންފުނި ހިންގުމުގެ އަގު 400 މިލިއަން ޑޮލަރަށް ކުޑަ ކުރުން ކަމަށް ޔާހޫ އިން ވަނީ ބުނެފަ އެވެ. އެހެން ކަމުން އެ ބަދަލާ ގުޅިގެން ކުންފުނީގައި މަސައްކަތް ކުރާނީ 9،000 މުވައްޒަފުންނެވެ.

ކުންފުނީގެ ސީއީއޯ މެރިސާ މޭޔާ ވިދާޅުވީ އެ ކުންފުނިން އެ ގެނައި ބަދަލަކީ އެ ކުންފުނީގެ މުސްތަގުބަލަށް މުހިއްމު ބަދަލެއް ކަމަށެވެ. އެގޮތުން އެ ބަދަލުގެ ސަބަބުން ކުންފުންޏަށް މުސްތަގުބަލުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.