20 Apr 2011, 15:28
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ މަޖިލީހުގެ އިދާރާ އިން ދެމުން އަންނަ ކެއުމާއި ސައި ހުއްޓާލުމަށް މަޖިލީހުގެ އާއްމު ކޮމިޓީ މިއަދު ނިންމައިފި އެވެ.
އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލާގައި މަޝްވަރާ ކުރުމަށް ފަހު، ކެއުމާއި ސައި ކަނޑާލަން ފާސްކުރީ ބްރަދާސް ކޭޓަރިންނާ އެކު މަޖިލީހުގެ އިދާރާ އިން މިހާރު ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވާ ހިސާބުން ފެށިގެންނެވެ.
އާއްމު ކޮމިޓީގެ މުގައްރިރު ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ދުވަސްތަކުގެ ކެއުމާއި ސައި ތައްޔާރު ކުރުމަށް ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފައި ވަނީ، މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަސް ތަކުގައި، މަޖިލީހުގެ މެންބަރުންނަށާއި މުވައްޒިފުންނަށް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ކެއުމާއި ސައި ހަމަޖައްސައި ދިނުމަށް މަހަކު 127،000ރ. ހަރަދުވާ ކަމަށެވެ.
މަޖިލީހުގެ އިދާރާ އިން ހަމަޖައްސައިދޭ ސަޔާއި ކެއުން ދެ ރޭޓަކުން ދިނުމަށް ކަނޑައަޅާފައިވާ އިރު މަޖިލީހުގެ 77 މެންބަރުންނާއި ޖަލްސާގެ ކަންތައް ހަމަޖެއްސުމުގައި ހަރަކާތްތެރިވާ 90 މުވައްޒިފުންނާ އެކު ކޮންމެ ދުވަހެއްގެ މެންދުރު ކެއުމަށް މީހަކަށް 50 ރުފިޔާގެ ރޭޓުން ހަރަދު ކުރާ އިރު، 30 ރުފިޔާގެ ރޭޓުން ނުވަގަޑި ސަޔަށް ހަރަދު ކުރާކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން މަޖިލީޙުގެ 170 މުވައްޒިފަކަށް 20 ރުފިޔާގެ ރޭޓުން ނުވަގަޑި ސައި ހަމަޖައްސައިދޭ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ.