ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަކައި މާދަމާ ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޔާސީ ބަޔާން އިއްވަވާ ވަގުތު އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އަމަލު ކުރާނެ ގޮތަކާމެދު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި މަޝްވަރާ ކުރަން ފަށައިފި އެވެ.

އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުގެ ނައިބު ލީޑަރު ރޮޒެއިނާ އާދަމް "ސަން"އަށް މިއަދު ވިދާޅުވީ މާދަމާ ޖަލްސާގައި އެމްޑީޕީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް، ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:00 ގައި ފަށާނެ ކަމަށެވެ.

"އެމްޑީޕީގެ ޕީޖީ މީޓިން 2:00 ކުރިއަށްދާނެ، އެއަށްފަހު އަޅުގަނޑުމެން ނިންމާނީ ހަދާނެ ގޮތެއް،" ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، 2014 ވަނަ އަހަރު ބޭއްވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް އެމްޑީޕީގެ މެމްބަރުން ފުރުސަތު ދެއްވި އެވެ. ނަމަވެސް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާއެކު މިދިޔަ އަހަރު ބޭއްވި މަޖިލިސް ހުޅުވި ޖަލްސާގައި އެމްޑީޕީން ވަނީ އިހްތިޖާޖުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާ ދަރުބާރުގޭގަ އެވެ.

ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބާއްވަން ހަމަޖައްސާފައި މި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް ކުރާ ގޭގެ ޗެމްބަރު ތެރެއިން ކަރަންޓު ޝޯޓެއްވެ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.