03 Feb 2016, 13:37
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ އަޑުއެހުން މިއަދު 1:00 އަށް ތާވަލްކުރުމަށް ފަހު، މިހާރު ވަނީ އެ އަޑުއެހުން 3:00 އަށް ފަސްކޮށްފަ އެވެ.
މިއަދު ބާއްވަނީ ޝަރީއަތުގެ މަޖިލީހެއް ކަމެއް ނުވަތަ މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ އަޑުއެހުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ނަޝީދު މިހާރު ހުންނެވީ ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެންނެވެ.
އެމަނިކުފާނު އިނގިރޭސިވިލާތައް ވަޑައިގަތީ ކަރެކްޝަނަލް ސާވިސްގެ ހުއްދައާ އެކު އެވެ. ބޭސްފަރުވާއަށް އެމަނިކުފާނަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ.
ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމާއި، އިޚްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމުމަށް މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެ މާއްދާ އަކީ ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް ބަޔާންކުރާ މާއްދާ އެވެ.