މަޝްހޫރު ފޮޓޯ ޝެއާ ކުރާ ސޯޝަލް ނެޓްވޯކް ކަމަށްވާ އިންޓަގްރާމް އިން 15 ސިކުންތުގެ ދިގުމިނުގެ އެޕިސޯޑުތަކެއް ހިމެނޭ ސްކްރިޕްޓްކޮށްފައިވާ އޮރިޖިނަލް ސީރީޒް އެއް ދައްކަން ފަށައިފި އެވެ.

"ސީރީޒް 5"ގެ ނަމުގައި އިއްޔެ ފެށި އެ ސީރީޒް އިން ދައްކައިދޭނީ ސެކިއުރިޓީ ޑްރައިވަރެއްގެ ބޮލުގައި ޖަވާހިރެއްގެ ވައްކަމުގެ ތުހުމަތު އަޅުވައިގެން އުޅުމަށް ފަހު ދިމާވާ ކަންތައްތަކުގެ މައްޗަށެވެ.

"ހެލޯ ކާޓާ"ގެ ޑައިރެކްޓަރު ކަމަށްވާ އެންތަނީ ވިލްކޮކްސް ޑައިރެކްޓު ކުރާ އެ ސީރީޒްގެ ޖުމްލަ ދިގުމިނަކީ ހަތް މިނެޓެވެެ. އެގޮތުން 28 އެޕިސޯޑު އެ ސީރީޒްގައި އިންނާނެ ކަމަށް އިންސަގްރާމް އިން ވަނީ ބުނެފަ އެވެ.

އިންސްޓަގްރާމް އިން އެފަދަ ޝޯއެއް އުފެއްދުމުގެ ބޭނުމަކީ ކޮބައި ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ޝޯއެއްގެ ސަބަބުން އިިންސްޓަގްރާމް އަށް ފައިދާ ވާނެ ކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.

ވީޑިއޯ ސޯޝަލް ނެޓްވޯކް ކަމަށްވާ "ސްނެޕްޗެޓް" އިން ވެސް ވަނީ ސްކްރިޕްޓް ކޮށްފައިވާ ޝޯއެއް އުފެއްދުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެއަށް އެދެވިގެންވާ ޝައުގުވެރިކަން ލިބިފައެއް ނުވެ އެވެ. އެހެން ކަމުން އިންސްޓަގްރާމް އަށްވެސް އެފަދަ ގޮތެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީީ ގިނަ ބަޔަކު ހިޔާލު ފާޅުކޮށްފަ އެވެ.