މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވެއްޖެ އެވެ.

އާ އަހަރަށް މަޖިލިސް ހުޅުވާ ދުވަހަކީ ކުރިން ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް އެ ދުވަސް ބަންދު ދުވަހެއް ނޫން ކަމަށް ނިންމީ މިދިޔަ އަހަރު އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕުރީލު މަހުގެ ފުރަތަމަ ދުވަހަށް ކަމަށް، މަޖިލީހުގެ ގަވާއިދުގައި ކުރިން އޮތް ނަމަވެސް މިދިޔަ އަހަރު ވަނީ އެ ގަވާއިދަށް ބަދަލު ގެނެސްފަ އެވެ. މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕުރީލު މަހުގެ ނިޔަލަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާ ދަރުބާރުގޭގަ އެވެ.

ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބާއްވަން ހަމަޖައްސާފައި މި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް ކުރާ ގޭގެ ޗެމްބަރު ތެރެއިން ކަރަންޓު ޝޯޓެއްވެ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ދަރުބާރުގޭގައި ބާއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ޓަކައި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވަން ވާނެ ކަމަށެވެ.