ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ބަންޑުން ޖަހާލާއި ހިނގި ހާދިސާއެއްގައި ނިޔާވި ލ. އަތޮޅު ކައުންސިލްގެ މާވަށު ދާއިރާގެ މެންބަރު މުހައްދު އަބްދުއްރަހްމާންގެ މުސާރައާއި އިނާޔަތްތައް ކައުންސިލްގެ މި ދައުރު ނިމެންދެން އާއިލާއަށްދޭ ގޮތަށް ހަމަޖެއްސުމަށް ސަރުކާރަށް ހުށައެޅުމަށް ލ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ލ. އަތޮޅު ކައުންސިލް ރައީސް ޔޫސުފް އާމިރު މިއަދު ސަން އަށް ވިދާޅުވީ، ނިޔާވި މުހައްދު އަބްދުއްރަހްމާންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް އޭނާގެ އާއިލާއަށް ދޭ ގޮތަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ އެ ނިންމުން ސަރުކާރަށް ހުށައެޅުމުގެ މަސައްކަތް ކަމަށެވެ.

"އެ ނިންމުން އަޅުގަނޑުމެން މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަރުމަންޓު އޮތޯރިޓީއަށް މިއަދު ހުށައަޅާނަން."، ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުހައްމަދު އަބްދުއްރަހުމާން ކައުންސިލަރުކަމުގައި ހުންނެވި އިރު، އަތޮޅު ކައުންސިލްގެ ޓްރަސްޓް ފަންޑުން ނަގާފައިވާ ލޯނުގެ ބާކީ ބައި ވެސް މާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

"ލޯނު ގަވާއިދުން ދައްކަމުން ގޮސް މިހާރު ބާކީ އޮތީ 52،000 ރުފިޔާ. އެ ލޯނުގެ ބާކީ ބައި ވެސް އަޅުގަނޑުމެން ވާނީ މާފުކޮށްދިނުމަށް ނިންމާފައި،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލަރުކަން ލިބުމުން އަބްދުއްރަހުމާން އާއި އާއިލާގެ ދިރިއުޅުން ފޮނަދޫ އަށް ބަދަލުކޮށްފައިވާތީ، އެ އާއިލާ އަނބުރާ މާވަށަށް ބަދަލު ކުރުމަށް ކައުންސިލްގެ ފަރާތުން 20،000 ރުފިޔާގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށެވެ.

މުހައްދު އަބްދުއްރަހްމާން ނިޔާވެފައިވަނީ ޑިންގީއެއްގައި އިތުރު މީހަކާ އެކު މަސްބާނަން ނުކުމެ އުޅެނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ.