03 Feb 2016, 12:49
އިންޑިއާ ކަނޑުގެ، ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި މެނޭޖު ކުރުމަށް ބޭނުންވާ އުސޫލުތަކެއް ކަނޑައެޅުމަށް މި ސަރަހައްދުގެ އައްސޭރި ފަށުގެ ގައުމުތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.
"އިންޑިއަން އޯޝަން ކޯސްޓަލް ސްޓޭޓްސް މީޓިން އޮން ހާވެސްޓް ކޮންޓްރޯލް ރޫލްސް"ގެ ނަމުގައި މިއަދު ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ފެށި އެ ބައްދަލުވުމަކީ ދެ ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.
މިއަދު ފެށި ބައްދަލުވުމުގައި އެކަށީގެންވާ އުސޫލުތަކެއް ކަނޑައެޅުމުގައި އަދާ ކުރަން ޖެހޭ ކަންތައްތަކާ މެދު މަޝްވަރާ ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
އައްސޭރި ފަށުގެ 20 ގައުމުގެ ތެރެއިން 18 ގައުމުން ބައިވެރިވެގެން ކުރިއަށްދާ އެ ބައްދަލުވުން ނިންމުމުގެ ކުރިން މަސްވެރިކަން ދެމެެހެއްޓުމަށް ބޭނުންވާ އުސޫލުތަކަށް މަޝްވަރާ ކުރުމަށް ފަހު ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އަންނާނެ އެވެ.
ފިޝަރީޒް މިނިސްޓްރީގެ މެރިން ރިސާޗް ސެންޓަރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި ހާއްސަ ގަރާރެއް އުފައްދާނެ އެވެ. އެ ގަރާރަކީ މެއި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 20 ވަނަ ބައްދަލުވުމުގައި ހުށަހެޅުމަށް އުފައްދާ ގަރާރެކެވެ.
އެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މިއަދު ފެށި ބައްދަލުވުމަކީ ޓޫނާ ކޮމިޝަންގެ ފަރާތުން މަސްވެރިކަމާ ގުޅޭ ގޮތުން ބާއްވާ އެންމެ މުހިއްމު އެއް ބައްދަލުވުން ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެ ފަދަ ގައުމަކަށް މަސްވެރިކަން މުހިއްމުވާ ސަބަބު އެނގިގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ފަދަ އިގްތިޞާދީ ގޮތުން ފުރުސަތު ހަނި ގައުމެއްގައި މަސްވެރިކަމުގެ ސަބަބުން ފައިދާ ލިބިގަތުމަކީ ވަރަށް މުހިއްމު ކަމެއް. ރާއްޖޭގައި އިގްތިޞާދު އޮތީ މަސްވެރިކަން ނޫނީ ފަތުރުވެރިކަން. އެހެން ކަމުން މަސްވެރިކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ،" ޝައިނީ ވިދާޅުވި އެވެ.