03 Feb 2016, 12:45
މޮގައްދިޝޫ (ފެބްރުއަރީ 3): ސޯމާލިއާގެ ވެރިރަށް މޮގައްދިޝޫން ނައްޓާލި އެއާބަސް321 ގައި ބޮމެއް ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ގޮވައި ބޯޓުގައި ލޯވަޅެއް ހެދިއްޖެ އެވެ.
ސޯމާލިއާގެ ގައުމީ އެއާލައިން ކަމަށްވާ ޑާލޯ އެއާލައިންސްގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން އެއާބަސް321 މޮގައްދިޝޫގެ އެއާޕޯޓުގައި އަނބުރާ އައިސް ޖެއްސީ "ބޯޓު ނައްޓާލިތާ އިރުކޮޅެއް ފަހުން މައްސަލައެއް ދިމާވެގެން"ނެވެ.

ސޯމާލިއާގެ އެއާބަސް321ގައި ލޯވަޅެއް ހެދިފައި -- ފޮޓޯ: ޓްވިޓާ
"ފްލައިޓް ވަނީ އެއާޕޯޓުގައި ޖައްސާފައި އަދި ހުރިހާ ފަސިންޖަރުން ބޯޓުން ފޭބި އިރު ތިބީ ހެޔޮހާލުގައި. ސޯމާލިއާ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުން،" ފޭސްބުކް ޕޭޖުގައިވެ އެވެ.
ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ 74 ފަސިންޖަރުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އޭގެ ތެރެއިން ދެ މީހަކަށް މަރުވި ކަމަށް އޭވިއޭޝަން އޮފިޝަލުން ވިދާޅުވި އެވެ. ނަމަވެސް މަަރުވި މީހުންގެ ތަފްސީލު އޮފިޝަލު ނުދެއްވަ އެވެ. (އޭބީސީ)