ދިރާގުގެ އިންޓަނެޓް ހިދުމަތް ލިބުމުގައި ދަތިތަކެއް އުޅެނީ ބޭރުގެ ލިންކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ސަން އަށް މިއަދު ވިދާޅުވީ ބޭރުން ރާއްޖެ އަށް އިންޓާނެޓު ޓުރެފިކް ފޮނުވާ ލިންކްތަކަށް ޓެކްނިކަލް ކަމެއް ދިމާވުމުގެ ސަބަބުން ދިރާގުގެ އިންޓަނެޓް ހިދުމަތަށް ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.

"ދިރާގުގެ ރިލޭޓެޑް ކަމެއް ނޫން މިއިކީއެއް، ރާއްޖެއިން ބޭރުގެ ޓުރެފިކް ފޮނުވާ ފަރާތްތަކުގެ ލިންކުތަކުގެ ކަމެއް އެއުޅެނީ،" މިރުޝާން ވިދާޅުވި އެވެ.

ބޭރުގެ ފަރާތްތަކާ ގުޅިގެން އިންޓާނެޓް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ.