އިންޑިއާގެ ފަރީދުއާބާދުގައި މިދިޔަ ހޯމަ ދުވަހު ފެށި "ސޫރަޖްކުންދް އިންޓަނޭޝަނަލް ކްރާފްޓްސް ފެއާ" ގައި އައްޑޫ ވިމެންސްގެ އެސޯސިއޭޝަނުން ބައިވެރިވެ ރާއްޖެ ތަމްސީލްކޮށްފި އެވެ.

މި އަހަރުގެ ފެއާގައި ތަފާތު 20 ގައުމަކުން ބައިވެރިވެފައިވާއިރު، މިއީ އެކި ގައުމުތަކުގެ ސަގާފަތްތަކާއި އާދަކާދައަށް އަހުލުވެރި ކުރުވުމަށް ބާއްވާ ފެއާ އެކެވެ.
އައްޑޫ ވިމެންސްގެ ފަރާތުން މި ފެއާގައި ރާއްޖެ ތަމްސީލް ކުރަމުން އަންނަ އިރު، ރާއްޖޭގެ ސަގާފަތް ދައްކުވައިދޭނެ 52 އައިޓަމެއް ވަނީ ބައިވެރިކޮށްފަ އެވެ.
އެސޯސިއޭޝަންގެ ސެކްޓްރީ ޖެނަރަލް ޝަފްގާ ޝަފީގު ސަން އަށް ވިދާޅުވީ، ދިވެހި ސްޓޯލް އިން ފެންނާނީ ހުސް އަތްތެރި މަސައްކަތް ކަމަށެވެ.
ދިވެހި ސްޓޯލްގައި ހުރި ބައެއް ތަކެތި -- ފޮޓޯ: އައްޑޫ ވިމެންސް
އެ ފެއާ އާއި ގުޅޭ ގޮތުން އައްޑޫ ވިމެންސް އިން ބުނީ އެއީ އެސޯސިއޭޝަންތަކަށާ ހުނަރުވެރި އަންހެނުންނާ ހުނަރު ދަސްކޮށްދޭ ފަރާތްތަކަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
ޝަފްގާ ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، މަސައްކަތް ދަސްކުރުމަށް އަދިވެސް ގިނަ ބަޔަކު އަންނަ ކަމަށެވެ. އަދި ވިޔަފާރި ވެސް ރަނގަޅު ކަމަށް ޝަފްގާ ވިދާޅުވި އެވެ.
އައްޑޫ ވިމެންސް އެސޯސިއޭޝަންގެ އިތުރުން ފެއާގައި ބިދަނބިން ބޮޑުބެރު ގްރޫޕުންވެސް ބައިވެރިވެ އެވެ.
މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފެއާ ކުރިއަށް ދާނެ އެވެ.