03 Feb 2016, 12:01
ހއ. އިހަވަންދޫގައި އެހަލާފައި ހުރި ލޯންޗެއްގައި އަލިފާން ރޯވެ، އަނދައި ހުލިވެއްޖެ އެވެ.
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީދު އިބްރާހިމް "ސަން"އަށް މިއަދު ވިދާޅުވީ އެ ލޯންޗު އެހަލާފައި އޮންނަތާ ވަރަށް ދުވަސް ވެފައިވާ ކަމަށެވެ. އެ ލޯންޗުގައި ބަޔަކު މީހުން ރޯކޮށްލި ކަމެއް ދަންނަވަން ދަތި ކަމަށާއި އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވެވޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އިހަވަންދޫ ލޯންޗެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 7:20 އެހާކަށްހާއިރު ކަމަށެވެ. އޮފިޝަލު ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
"އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން،" އޮފިޝަލް ވިދާޅުވި އެވެ.