03 Feb 2016, 12:06
ރާއްޖޭގައި ކެންސަރު ޖެހޭ އުމުރުފުރާ މިހާރު ހަގު އުމުރުފުރާ އަކަށް ބަދަލުވެފައިވާ ކަމާށާއި ކެންސަރު ޖެހޭ މީހުންގެ 72 ޕަސެންޓަކީ އަންހެނުން ކަމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި މީގެ ކުރިން ކެންސަރު ޖެހޭ މީހުންގެ އެވްރެޖު އުމުރުފުރާ އަކީ 41 އަހަރާއި 50 އަހަރާއި ދެމެދުގެ އުމުރުފުރާއެއް ކަމަށެވެ. އަދި އެންމެ ގިނައިން ކެންސަރު ޖެހެނީ އަންހެނުންނަށް ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ދެހާސް ނުވަނަ އަހަރު ދިވެހިރާއްޖޭގެ ކުރެވުނު ޑިމޮގްރެފިކު އެންޑް ހެލްތު ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ތެރެއިން 72 ޕަސެންޓަކީ އަންހެނުން. އަދި 28 ޕަސެންޓަކީ ފިރިހެނުން. ރާއްޖޭގައި އާއްމުކޮށް ފެންނަނީ ފުއްޕާމޭގެ ކެންސަރާއި އުރަމަތީ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި އަނގައިގެ ކެންސަރު"، އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޕީއޭގެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ކެންސަރު ޖެހުމަށް މަގުފަހުވާ ގިނަ ސަބަބުތަކަކީ ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިފައިވާ ސަބަބުތަކެއް ކަމަށެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރަނގަޅު ކާނާ ނުކެއުމާއި ކަސްރަތު މަދުވުމާއި މީގެ އިތުރުން ދުމުގެ އަސަރުންނާއި ނުވަތަ ނުސީދާ ދުމަށް ހުށައެޅޭ ހުށައެޅުމާއި ޒަވާޖީ ހަޔާތް ފަށާ އުމުރު ލަސްވުމާއި ގާތުން ކިރު ނުދިނުމާއި އަދި ދުފުމަކީ ވެސް ކެންސަރު ޖެހުމަށް މަގުފައިވާ ސަބަބުތައް،" އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ކެންސަރުން ދުރުހެލިވުމަށް ދިރިއުޅުމުގައި ގެންގުޅޭ އެފަދަ އާދަކާދަތަކާ ދުރުހެލިވެ، ސިއްހީ ރަނގަޅު އާދަކާދަތަކަށް އަހުލުވެރިވުމަށް އެ އެޖެންސީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކެންސަރު ބައްޔަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. އެގޮތުން ކޮންމެ އަހަރަކު 14 މިލިއަން މީހުންނަށް ކެންސަރު ޖެހޭއިރު އޭގެ ތެރެއިން އަށް މިލިއަން މީހުން އެ ބަލީގައި މަރުވެ އެވެ.