ރާއްޖޭ އަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކަމަށް ބުނެ ޑޮލަރު ގަނެ ވިއްކާ އަގަށް ސަރުކާރުން ބަދަލުގެނައިތާ ހަފްތާއެއް ވެފައިވާ އިރު ވެސް ބޭންކްތަކުން ޑޮލަރު ވިއްކަނީ ކުރިއެކޭ ވެސް އެއްގޮތަށް ކޮންޓްރޯލް ކޮށްގެންނެވެ.

މި މަހު 10 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ޑޮލަރު ގަނެ ވިއްކާ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދަށް ޕެގް ކުރީ ރާއްޖޭގައި އުފެދިފައި އޮތް ޑޮލަރުގެ ބުލެކް މާކެޓް ނައްތާލައި ސައްހަ ގޮތުގައި ޑޮލަރުގެ މުއާމަލާތްތައް ކުރުމަށް ފަސޭހަކުރުމަށް ކަމަށް ސަރުކާރުންބުނެ އެވެ.

ނަމަވެސް އޭގެ ފަހުން ހަފްތާއެއްހާ ދުވަސްވެފައިވާ އިރު ވެސް ޑޮލަރު ލިބުމުގައި އޮތް ތާށިކަމަށް އެއްވެސް ލުޔެއް ލިބިފައެއް ނުވެ އެވެ. އެގޮތުން ރާއްޖޭގައި ވިޔަފާރިކުރާ ހަ ބޭންކުގެ ތެރެއިން ހުރިހާ ބޭންކަކުން ވެސް ޑޮލަރު ވިއްކަނީ މީހަކަށް 100 އާއި 300 ޑޮލަރާއި ދެމެދުގެ އަދަދަކަށެވެ. އެގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މީހަކަށް ވިއްކަނީ 100 ޑޮލަރެވެ. އަދި ބީއެމްއެލް އާއި އިންވެގެން ހުންނަ ބޭންކް އޮފް ސިލޯން (ބީއޯސީ) ޑޮލަރު ވިއްކަނީ ބޭސްވަރުވާ އަށާއި ތައުލީމު އުގެނުމަށް ރާއްޖޭން ބޭރަށް ފުރާ މީހުންނަށް އެކަންޏެވެ. އެގޮތުން ރަސްމީ ލިޔުމެއް ގެނައުމުން ބޭސްފަރުވާ އަށް ބޭރަށް ދާ މީހަކަށް ވިއްކަނީ 300 ޑޮލަރު އަދި ކިޔަވަންދާ ކުއްޖަކަށް 200 ޑޮލަރެވެ. އަދި ޕާކިސްތާނަށް ނިސްބަތްވާ ހަބީބް ބޭންކުން ޑޮލަރު އެއްގޮތަކަށް ވެސް ނުވިއްކާ އިރު އެޗްއެސްބީސީ އިން ވެސް ޑޮލަރުނުވިއްކަ އެވެ.

"އެއީ ހަމަ އެކަނި ޖަހާލައިފައި ހުންނަ ރޭޓްތަކެއް،" ނަން ހާމަ ކުރަން ބޭނުންނުވާ ހަބީބް ބޭންކުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ. އަދި އެޗްއެސްބީސީން ވާހަކަ ދެއްކި އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ޑޮލަރު ނުވިއްކާ މައްސަލައިގާ ވިދާޅުވީ "މިހާރު އެކްސްޗޭންޖް ރޭޓް އޮތް ގޮތުން އެ ބޭންކުގެ ޕޮލިސީ (ޑޮލަރު ވިއްކަން) ތަން،" ނުދޭ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.

ނަމަވެސް ދާދިފަހުން ހުޅުވި އިސްލާމިކް ބޭންކުން ޑޮލަރު ވިއްކަނީ ސިލޯން ބޭންކުން ޑޮލަރު ވިއްކާ އުސޫލުން ޒަޒޫރީ ބޭނުންތަކަށް ލިޔެކިޔުން ދެއްކުމުން މީހަކަށް 200 ޑޮލަރެވެ.

ޑޮލަރު ނުވިއްކާ މައްސަލައިގާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ޑޮލަރު ކޮންޓްރޯލް ކޮށްގެން ވިއްކާ އިރު ވޭތުވެ ދިޔަ ދެދުވަހެއްގެ ތެރޭގައި ޑޮލަރު ގަންނަ އަގުވަނީ ބޭންކުތަކުން ބޮޑުކޮށްފަ އެވެ.

އެގޮތުން ގިނަ ބޭންކުތަކުން މިއަދު ޑޮލަރު ގަތީ 13ރ. އާއި 14ރ.އާ ދެމެދުގެ ރޭޓްތަކެއްގަ އެވެ.
ޑޮލަރު ގަންނަ އަގު ބޭންކުތަކުން ބޮޑުކޮށްފައިވާ އިރު އެމްއެމްއޭ އިން ބުނީ ޑޮލަރު ވިއްކަނީ އެންމެ ރަނގަޅު އަގެއް ހުށަހަޅާ ބޭންކުތަކަކަށް ނީލަމުގެ އުސޫލުންކަމަށެވެ.

ޑޮލަރުގެ އަގު ވަކި ބޭންޑެއްގެ ތެރޭގައި ފްލޯޓް ކުރުމުން ޑޮލަރު ލިބުމުގެ ދަތިކަމަށް ހައްލެއް ނައިސް ތަކެތީގެ އަގު އެތައް ތަނަކުން އުފުލުމުން އެކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ ޑޮލަރު ގަނެ ވިއްކުމަށް ގެނައި ބޮޑު ބަދަލާ އެކު ޑޮލަރުގެ މައްސަލަ ހަމައަކަށް އެޅުވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށާއި ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް ޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާ ގުޅިގެން އޯޕަން މާކެޓް އޮޕަރޭޝަންތަކާއި އިގްތިސޯދީ ހާއްސަ ފިޔަވަޅުތައް އަޅަމުން އަންނާނެ ކަމަށެވެ.