ކަރާޗީ (ފެބްރުއަރީ 3): ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ޕްރައިވެޓައިޒް ކުރުމާ ދެކޮޅަށް އެއެއާލައިންގެ މުވައްޒަފުން ޕާކިސްތާނުގެ ކަރާޗީގައި މިއަދު ބޭއްވި މުޒާހަރާއެއްގައި ދެ މުވައްޒަފަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.

އަނިޔާވި މީހުންނަށް ފަރުވާ ދެމުންދާ އަގާ ހާން ހޮސްޕިޓަލުގެ ތަރުޖަމާނަކު ވިދާޅުވީ މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވީ އޭނާގެ ގަޔަށް ވަޒަނެއް އެރުމުން ސަބަބުން ކަމަށެވެ. މަރުވި މީހާގެ އާއިލާ އިން ވަނީ ހޮސްޕިޓަލަށް ހާޒިރުވެ، އެއީ އިނާޔަތް ރަޒާ ނަމަކަށް ކިޔާ ޕީއައިއޭގެ މުވައްޒަފެއްކަން ކަށަވަރުކޮށްދީފައި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

"ޕީއައިއޭގެ މުވައްޒަފަކު ހޮސްޕިޓަލުގެ އެމާޖެންސީ ޑިޕާޓްމެންޓަށް ގެނައި އިރު ވެސް އޮތީ މަރުވެފައި. އޭނާ މަރުވީ ބޮލަށް ވަޒަނެއް އަރައިގެން،" ތަރުޖަމާނު ވިދާޅުވި އެވެ.

ޕާކިސްތާނުގެ ޖިނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީ އޮތް އެމުޒާހަރާގެ ބައިވެރިން އެއާޕޯޓަށް މީހުން ވަނުމުން ހުއްޓުވުމުގެ ސަބަބުން ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ޓަކައި ކަރުނަ ގޭހާއި ވޯޓާ ކެނަން ބޭނުންކޮށްފަ އެވެ.

ޖިނާ ޕޯސްޓު ގްރެޖުއޭޓް މެޑިކަލް ސެންޓާ (ޖޭޕީއެމްސީ)ން ބުނީ އަނިޔާވެފައިވާ ހަތަރު މީހަކު އެހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ އޭނާ އަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން މަރުވެފައި ކަމަށް އެހޮސްޕިޓަލުގެ އެމާޖެންސީ ޑިޕާންޓްމެންޓުގެ ވެރިޔާ ސީމީ ޖަމާލީ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ފުލުހުން ވަނީ މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކާ ދެކޮޅަށް ބަޑި ޖެހިކަމަށް ކުރާ ދައުވާ ދޮގުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ބަޑި ޖެހީ މުޒާހަރާގެ ބައިވެރިއަކަށް ވުން އެކަށީގެންވާ ކަމަށެވެ.

ޕާކިސްތާނުގެ ސަރުކާރުން އެގައުމުގެ ނެޝަނަލް އެއާލައިން ވިއްކާލަން ނިންމީ އެއެއާލައިން މެނޭޖް ނުކުރެވުމުގެ ސަބަބުންނާއި އެއެއާލައިންނަށް ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވުމުގެ ސަބަބުންނެވެ. (އަލްޖަޒީރާ)