03 Feb 2016, 10:50
މިއަހަރު 21 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ތާރަފް ކުރުމަށް އެފްއޭއެމްއިން ނިންމައިފިއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ އެ ލީގަކީ ފަސް މަހަށް ދެމިގެންދާ ގޮތަށް ބާއްވުމަށް ހަމަޖެހިފައިވާ ލީގެއް ކަމަށާއި ދިހަ ޓީމަށް އެ ލީގުން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެއީ ފުރަތަމަ ޑީވިޝަންގެ އަށް ކުލަބުގެ އިތުރުން ރަށްރަށުގެ ޓީމުތައްވެސް އެ ލީގުގައި ވާދަ ކުރުމަށް ޝައުގުވެރިވާތީ ކަމަށެވެ.
"ލީގު ވާދަ ކުރާނީ ފުރަތަމަ ޑިވިޝަން ކުލަބުތަކުގެ ޒުވާން ޓީމުތައް. އޭގެ އިތުރުން ބ. އޭދަފުއްޓާއި އެހެން ބައެއް ރަށްރަށުންވެސް ވަނީ ލީގް ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި"
ބައްސާމް ވިދާޅުވީ އެ ލީގްގައި ވާދަ ކުރާ ކޮންމެ ޓީމަކަށްވެސް ސީނިއާ ޓީމުގައި ކުޅޭ ތިން ކުޅުންތެރިޔަކަށް ކުޅޭވޭނެ ކަމަށާއި ނަމަވެސް އެ ހަފުތާއެއްގައި ޕްރިމިއާ ލީގް މެޗްތަކުގައި ކުޅެފައިވާ ކުޅުންތެރިޔަކަށް އެ ހަފުތާއެއްގެ ކުޅޭ ޒުވާން ލީގް މެޗްތަކުގައި ނުކުޅޭވޭނެ ކަމަށެވެ.
އޭގެ ބޭނުމަކީ ސީނިއާ ޓީމުގައި ހިމެނޭ އާ ކުޅުންތެރިޔަކުވެސް ނުވަތަ އިންޖަރީއިން ރިކާވާ ވެގެން އަންނަ ކުޅުންތެރިޔަކުވެސް ސީނިއާ ޓީމުގައި ކުޅެވޭނެ ވަރަށް ފިޓުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބައްސާމް ވިދާޅުވިއެވެ.
"މިއީ މިއަދު ފުޓްބޯޅައިގެ ކުރިއަރާފައިވާ ޤައުމުތަކުން ޕްރެކްޓިސް ކުރަމުން އަންނަ ކަމެއް. މިސާލަކަށް ސްޕެއިންގައިވެސް ބާސެލޯނާގެ ސީނިއާ ޓީމުގެ ކުޅުންތެރިން އިންޖަރީވެ ރިކަވާ އަލުން ސީނިއާ ޓީމަށް ކުޅެވޭ މިންވަރަށް ފިޓްވުމުގެ ގޮތުން އެކުޅުންތެރިޔާ ކުޅޭނެ ސެގުންޑާ ބީ ޑިވިޝަންގައި. އަޅުގަނޑުމެން ފުރުސަތު ދެނީ މިސާލަކަށް މިހަފުތާގައި ސީނިއާ ޓީމުގައި ކުޅުނު ކުޅުންތެރިޔަކަށް މިހަފުތާގެ 21 އަހަރުން ދަށުގެ ލީގްގައި ނުކުލެވޭނެ،" ބައްސާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 21 އަހަރުން ދަށުގެ ލީގް ބާއްވާނީ ޕްރިމިއާ ލީގް ގޮތަށް ޓައިޓަލް ސްޕޮންސާއާ އެކު ކަމަށެވެ. އެކަމަށް ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޖޭއެފްއޭ) އިން ސްޕޮންސާ ހޯދުމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.
އެފްއޭއެމްއިން ވަނީ ކުރިން 20 އަހަރުން ދަށުގެ އެފްއޭކަޕް ބާއްވާފައެވެ.