ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް އަހަރެއްތެރޭ ދެ މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކުގެ ހިދުމަތް ފަސޭހަކަމާ އެކު ކޮންމެ ވަގުތެއްގައި ވެސް ލިބޭނެމަގު ފަހިކޮށްދިނުމުގެ ގޮތުން ބީއެމްއެލް އިން މީގެ އެއް އަހަރު ކުރިން ތައާރަފްކުރި ސެލްފް ސާވިސް ބޭންކިންއާ އެކު އާންމުކޮށް ބޭނުންވާ ހިދުމަތްތައް ހޯދުމަށް ބޭންކުގެ ބްރާންޗަކަށް ދިއުމުގެ ބަދަލުގައި ފަސޭހަކަމާ އެކު އެ ހިދުމަތް ހޯދުމުގެ މަގު އެ ބޭންކުގެ ކަސްޓަމަރުންނަށް ވަނީ ފަހިވެފަ އެވެ.

އެގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ އާއި ޗެކް ޖަމާކުރުމުގެ ހިދުމަތް ކަސްޓަމަރުންނަށް ލިބެ އެވެ. އަދި އެހެން ފަރާތްތަކަށް ފައިސާ ފޮނުވުމާއި ބިލްތަކަށް ފައިސާ ދެއްކުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް އޭޓީއެމްތަކުން ލިބެ އެވެ. އެއީ ކަސްޓަމަރުންނަށް ބޭންކްގެ ބްރާންޗްތަކުގެ ކިޔުގައި ނުޖެހި ހިދުމަތް ހޯދޭނެ ލުއިފަސޭހަގޮތެއް ހަމަޖެއްސުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކުރި ހިދުމަތެކެވެ.

ޗެކާއި ފައިސާ ޖަމާކުރެވޭނެ 38 މެޝިން މާލޭގެ އަށް ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގަޔާއި އައިއެންއައިއޭގައި ވަނީ ބަހައްޓާފަ އެވެ. އޭގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި ޔޫއެސްޑޮލަރުގެ މުއާމަލާތް ކުރެވޭ ހަމައެކަނި އޭޓީއެމް ވެސް ހުރީ ބީއެމްއެލްގަ އެވެ. އެގޮތުން ބީއެމްއެލް ހެޑް އޮފީހުގައި ހުރި ދެ އޭޓީއެމްގެ އިތުރުން އެއާޕޯޓުގައި ވަނީ ޑޮލަރު އޭޓީއެމްއެއް ބަހައްޓާފަ އެވެ. ބީއެމްއެލް ޑެބިޓްކާޑު މެދުވެރިކޮށް އެ އޭޓީއެމްތަކުން ދުވާލަކު 640 ޑޮލަރު ނެގެ އެވެ.

ކަސްޓަމަރުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް މި އަހަރު ރަށްރަށަށް ދޭންފެށުމަށް ބޭންކުން ވަނީ ނިންމާފަ އެވެ.

"މާލީގޮތުން ހަރުދަނާ ބިންގަލެއްގެ މަތީގައި މިހާރު އޮތް ބީއެމްއެލްގެ އަމާޒަކީ ހަރުދަނާ ހިންގުމުގެ ނިޒާމަކުން ހިންގައި ކަސްޓަމަރުންނަށް ހާއްސަ އިސްކަމެއްދޭ ބޭންކަކަށް ވުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ އެންމެ ރަނގަޅު އުސޫލުތަކުގެ މަތިން މަސައްކަތްކުރާ ބޭންކަކަށް ވުމެވެ،" ބީއެމްއެލް އިން ބުންޏެވެ.