އުރުދުން (ފެބްރުއަރީ 3): ސީރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ރަޝިއާ އިން ހަމަލާދިނުމަށް އެގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ހިތްވަރުދެއްވަމުން ގެންދެވުމުގެ ސަބަބުން ސީރިޔާ ހަނގުރާމަ ދަނީ އިތުރަށް ގޯސްވަމުން ކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ފިލިޕް ހެމަންޑް އިއްޔެ ވިދާޅުވެއްޖެ އެވެ.

ސީރިޔާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ރަޝިއާ އިން ބައިވެރިވާނެ ކަމަށް ޕުޓިން ވިދާޅުވި ނަމަވެސް އެ ގައުމުން ދަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ހަމަލާދީ މައްސަލަ އިތުރަށް ގޯސްކުރަމުން ކަމަށް އުރުދުންގައި އޮތް ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ހެމަންޑް ވިދާޅުވި އެވެ.

"ރަޝިއާ އިން ބުނޭ ހިނގާށޭ ވާހަކަދައްކަން، ނަމަވެސް ރަޝިއާ އިން ވާހަކަ ދައްކާއިރު އެގައުމުން ދަނީ [ސީރިޔާއަށް] ބޮން އަޅަމުން. އަދި އައްސަދަށް ތާއިދުކުރަމުން،" ހެމަންޑް ވިދާޅުވި އެވެ.

ރަޝިއާ އިން ބުނާ ގޮތުގައި އެގައުމުންދޭ ހަމަލާތައް އަމާޒުކުރަނީ އައިއެސްގެ ހަނގުރާމަވެރިންނަށެވެ. އަދި ސީރިޔާގެ މިހާރުގެ ރައީސް ބައްޝާރުލް އައްސަދުގެ ވެރިކަމުން ވައްޓާލަން ހުޅަނގުން މަސައްކަތް ކުރުމަކީ އަލިފާނާ ކުޅުން ފަދަ ކަމެއް ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެގައުމުން ވަނީ މިދިޔަ ހަފްތާގައި ސީރިޔާ އަށް 468 ވައިގެ ހަމަލާދީފަ އެވެ. އަދި 1،300 ޓެރަރިސްޓު ސަރަހައްދަކަށް ހަމަލާ އަމާޒުކޮށްފަ އެވެ. މީގެ އިތުރުން، ހާލުގައި ޖެހިފައިވާ ސީރިޔާގެ އަވަށެއް ކަމަށްވާ ދައިރު އައްޒައުރަށް ރަޝިއާ އިން 200 ޓަނުގެ އެހީ ފޮނުވާފައިވާ ކަމަށް ވެސް އެރިޕޯޓުގައިވެ އެވެ.

ނަމަވެސް، ސީރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކުނާއި އެގައުމުގެ އާއްމުން ބުނާ ގޮތުގައި ރަޝިއާއިންދޭ ގިނަ ހަމަލާތައް އަމާޒުވަނީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. (ރޮއިޓާސް)