20 Apr 2011, 14:22
އެމެރިކާގެ ރައްޔިތުން ދުނިޔޭގެ ގައުމުތަކަށް ދަތުރުކުރާއިރު އެމީހުން ދާ ގައުމުތަކާ ބެހޭ މައުލޫމާތު ހޯދުމަށްޓަކައި ބަލަން ޖެހޭ "ބެކް ގްރައުންޑް ނޯޓް" އާއްމު ކުރި އިރު ރާއްޖޭގައި ގޭންގް މާރާމާރީ އޮންނަ ކަމަށާއި މާރާމާރީތައް އިތުރުވެފައިވާ ވާހަކަ އެ ނޯޓްގައި ހިމަނައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި މަހުގެ ހަތް ވަނަ ދުވަހު އާއްމު ކުރި ރާއްޖެއާ ބެހޭ އާ ބެކް ގްރައުންޑް ނޯޓްގައި ލިޔެފައި ވަނީ ރާއްޖެއަކީ ކުރިން ވަރަށް އަމާން ތަނެއް ކަމުގައި ވިޔަސް މިހާރު ވެރިރަށް މާލޭގެ އިތުރުން އެހެން ރަށްތަކުގައި ވެސް ގޭންގް ކުށްތަކާއި މާރާމާރީ ގިނައިން ހިންގާ ކަމަށެވެ. އަދި އެ ނޯޓްގައި ލިޔެފައި ވެއެވެ:
" އިސްލާމީ އުސޫލުތަކުގައި ވަރުގަދައަށް ހިފެހެއްޓުމާއި އިޖުތިމާއީ ގުޅުންތައް ރަނގަޅު ކަމުން ދިވެހި ރާއްޖެއަކީ ކުށްކުރުން މަދު ގައުމެއްގެ ގޮތުގައި ތާރީހީ ގޮތުން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް ހެރޮއިންއަށް އެޑިކްޓްވެފައިވާ ޒުވާނުން ގިނަވުމާއި ގޭންގުތައް އުފެދުމުގެ ސަބަބުން ކުށްކުރުން މިހާރު ވަނީ ގިނަވެފައެވެ. އަދި މަގުމަތީގައި ހަމަނުޖެހުން ހިންގުން ވެސް ވަނީ އިތުރު ވެފައެވެ،"
އެމެރިކާމީހުން ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރުކުރާއިރު އެމީހުން ދަތުރުކުރާ ގައުމަކާ ބެހޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން އާއްމުކޮށްފައި ހުންނަ ބެކްގްރައުންޑް ނޯޓް ބެލުމަށް ސްޓޭޓް ޑިޕާޓްމަންޓުން އިލްތިމާސްކުރެއެވެ.
– ޓީއެމްސީ ނެޓް