03 Feb 2016, 10:05
ސްރީލަންކާގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، އެގައުމުގެ ގައުމީ ސަލާން ތަމަޅަ ބަހުން ކިޔައިފި ނަމަ، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ ހަތަރު ވަނަ ދުވަހަކީ ސްރީލަންކާގެ މިނިވަން ދުވަހެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމީ ސަލާން ސިންގަޅަ ބަހުގެ އިތުރުން ތަމަޅަ ބަހުން ވެސް ކިޔުމާ ބެހޭ ގޮތުން ލަންކާގެ ކެބިނެޓުގައި މިދިޔަ ހަފްތާގައި މަޝްވަރާ ކުރެވިގެން ދިޔަ އިރު، ކެބިނެޓު އޮތީ މިކަމުގައި ޚިޔާލު ތަފާތު ވެފަ އެވެ. އެންމެ ފަހުން ރައީސް ސިރިސޭނާ ވިދާޅުވެފައި ވަނީ، ބޮޑުވަޒީރާއި މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށާއި، ކެބިނެޓު މިނިސްޓަރުން އެ މައްސަލަ އިތުރަށް މަޝްވަރާ ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ އުދާޔަ ގައްމަންޕިލަ އިއްޔެ މީޑިއާ ކުރިމަތީގައި ވިދާޅުވީ، ސިންގަޅަ ބަހުން އޮންނަ ރަސްމީ ގައުމީ ސަލާން ތަމަޅަ ބަހުން ކިޔުމަށް، ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ތަމަޅަ ބަހުން ގައުމީ ސަލާން ކިޔުމަށް އޭނާ ދެކޮޅު ހަދަނީ ސަރުކާރުގެ ރަސްމީ ޖަލްސާއެއް ކަމުގައި ވާތީ ކަމަށާއި، އެ ނޫން ސަބަބަކާ ހުރެ ނޫން ކަމަށެވެ.
"އިންޑިޔާގައި 1،700 އެތައް ބަހަކުން ވާހަކަ ދައްކާ. ޓަމިލް ނާޑޫގައި ވެސް 30 މިލިޔަން ތަމަޅައިން އުޅޭ. އެކަމަކު މުޅި އިންޑިއާގައި ވެސް ގައުމީ ސަލާން ކިޔަނީ އާލަމީ ލަވައެއްގެ ގޮތުގައި، އެއް ބަހަކުން. އެއްބައިވަންތަކަން އުފެދޭނީ އެއް ބަހަކުން އެ ލަވަ ކިޔުމުން. ކްރިކެޓު މެޗެއްގައި ދެ ކުޅުންތެރިން އެއް ލަވައެއް ދެބަހަކުން ކިޔުމުން އެއްބައިވަންތަކަން އުފެދޭނެތޯ؟ މިގޮތަށް ކުރިޔަށް ގޮސްފި ނަމަ އަހަރެމެންގެ ގައުމީ ސަލާން އަރަބި ބަހުން ކިޔަން ވެސް ބަޔަކު ބާރު އަޅަން ފަށާނެ،" ގައްމަންޕިލަ ވިދާޅުވި އެވެ.
އޭނާ ބުނީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ތަމަޅަ ބަހުން ގައުމީ ސަލާން ކިޔުއްވައިފި ނަމަ ރައީސް މައިތުރިޕާލަ ސިރިސޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިގެން ގޮސްފާނެ ކަމަށެވެ.
ސްރީލަންކާގެ ގައުމީ ސަލާމަކީ ސިންގަޅަ ބަހުން އޮންނަ ލަވައެކެވެ. އެހެން ނަމަވެސް، އެ ލަވައިގެން ތަމަޅަ ވަރޝަންއެއް ވެސް އޮވެ އެވެ. ދެ ބަހުން ވެސް ގައުމީ ސަލާން ކިޔެމުން އައި ނަމަވެސް، 2010 ވަނަ އަހަރު ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ވަނީ، ގައުމީ ސަލާމުގެ ތަމަޅަ ލަވަ ބޭނުންކުރުން ނުރަސްމީކޮށް މަނާކޮށްފަ އެވެ.
ނަމަވެސް ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވަނީ، ރާޖަޕަކްސަ ނުރަސްމީކޮށް މަނާ ކުރެއްވި، ގައުމީ ސަލާމުގެ ތަމަޅަ ލަވަ ބޭނުންކުރުމުގެ ހުއްދަ ދެއްވައިފަ އެވެ. ގައުމީ ސަލާމުގެ ތަމަޅަ ލަވައަކީ، ތަމަޅަ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކުގަ އާއި، ތަމަޅަ މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި މިހާރު ވެސް ބޭނުން ކުރެވެމުން ދާ ލަވައެކެވެ.