ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ހިންގި މާލީ ޚިޔާނާތެއްގެ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްފައިވާ އޭނާގެ ދަރިކަލުން ޔޯޝިތަ ރާޖަޕަކްސަ، ޖަލުންދޭ ކާނާ ކެއުމަށް ދެކޮޅު ހަދާތީ އޭނާ އަށް ގެއިން ކާނާ ޖަލަށް ގެންގޮސްގެން ކެއުމުގެ އިންތިޒާމުތައް ހަމަޖައްސަން ފަށައިފި އެވެ.

ވެލިކަޑަ ޖަލުގެ ތަރުޖަމާނު ތުޝާރަ އުޕުލްދެނިޔަ ވިދާޅުވީ، ޔޯޝިތައާއި އޭނާއާ އެކު ހައްޔަރުކުރި ހަތަރު މީހުންނަށް، އިއްޔެ ހެދުނުން ފަށައިގެން ކޮންމެ ދުވަހެއްގެ ތިން އިރުގެ ކެއުން ގެއިން ތައްޔާރުކޮށްގެން ޖަލަށް ގެނައުމުގެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށެވެ.

"ޖަލުން ފޯރުކޮށްދޭ ކާނާ ކަމުނުދާ ނަމަ، ޖަލުން ބޭރުން ކާނާ ތައްޔާރުކޮށްގެން ގެނައުމަކީ ކޮންމެ ގައިދީއަކަށް ވެސް ލިބިގެންވާ ހައްގެއް. ޔޯޝިތަ ރާޖަޕަކްސައަށާއި އަނެއް ހަތަރު މީހުންނަށް ވެސް މި ހުއްދަ ދެވުނީ އެގޮތުގެ މަތިން،" ޖަލުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ޔޯޝިތަ ރާޖަޕަކްސަ ޖަލަށް ގެންދެވުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު އޭނާ ޖަލުގެ ކާނާ ކެއުމަށް އެއްބަސްވި ނަމަވެސް، ފަހުން ޖަލުން ދޭ ކާނާ ކެއުމަށް ޔޯޝިތަ ވަނީ ދެކޮޅު ހަދައިފަ އެވެ.

ލަންކާ ފުލުހުންގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ)އިން ބަލަމުން ދިޔަ މައްސަލައަކީ، ސްރީލަންކާ ކުޅޭ ބޮޑެތި ކްރިކެޓު މެޗުތަކުގެ އެކްސްކްލޫސިވް ރައިޓްސް ހަމައެކަނި ކާލްޓަން ސްޕޯޓްސް ނެޓްވޯކަށް ދިން މައްސަލަ އެވެ. ކާލްޓަންއަށް ކްރިކެޓު މެޗުތައް ވަގުތުން ދުރަށް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ދެވިފައި ވަނީ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގަ އެވެ.

ރާޖަޕަކްސަގެ ދަރިކަލުން ޔޯޝިތައަކީ ކާލްޓަން ސްޕޯޓްސް ނެޓްވޯކުގެ މަސްއޫލުވެރިއެކެވެ.

ޔޯޝިތައަކީ ލަންކާގެ ނޭވީގެ ކުރީގެ ލެފްޓިނެންޓެކެވެ. އޭނާގެ މިލިޓަރީ ތަމްރީނުތައް އިނގިރޭސި ވިލާތުގައި ކުރިޔަށް ގެންދިއުމަށް ކުރީގެ ސަރުކާރުން 150،000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހޭދަ ކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.