03 Feb 2016, 09:27
ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ޒިކާ ވައިރަހާއި ހެދި، އިންޑިޔާގެ މަޝްހޫރު ކުންފުނި ޓާޓާ އިން އަލަށް ތައާރަފު ކުރާ "ޒިޕީ ކާރު"ގެ ނަން ބަދަލުކުރަން ނިންމައިފި އެވެ.
ޓާޓާގެ "ޒިޕީ ކާރަ"ށް ކުރުކޮށް ކިޔަނީ "ޒިކާ" މިހެންނެވެ.
ޓާޓާގެ އިސްވެރިން ބުނެފައި ވަނީ، ކާރުގެ ނަން ބަދަލުކުރުމަށް ނިންމީ، އެ ކާރުގެ ނަމަކީ ތަފާތުކޮށް ލިޔެވުނު ނަމަވެސް، ޒިކާ ވައިރަހުގެ ނަމާ އެއްގޮތަކަށް ކިޔާ ނަމެއް ކަމުން، ބަލީގެ ނަން އަބަދާއި އަބަދު ހިތަށް ގެނައުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.
އެހެން ނަމަވެސް، އެ ކާރަށް "ޒިކާ"ގެ ބަދަލުގައި ކިޔާނެ އާ ނަމެއް، ހަފްތާއެއް ހާ ދުވަސް ތެރޭގައި ކަނޑައެޅިގެން ދާނެ ކަމަށް ޓާޓާ އިން ބުނެ އެވެ.
އީޑީޒް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ޒިކާ ވައިރަސް، ލެޓިން އެމެރިކާގައި ވަރަށް ހަލުއިކަމާ އެކު ފެތުރިފައިވާ އިރު، އެ ވައިރަހާއި، ކުޑަކުދިން ވިހާ އިރު ބޮލާއި ސިކުނޑީގައި އައިބެއް ހުންނަ "މައިކްރޮސެފަލީ" ކިޔާ ހާލަތާ މެދު ގުޅުމެއް އޮތް ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ.
މައިކްރޮސެފަލީއަކީ، ތުއްތު ކުދިން އުފަންވާ އިރު އެކުދިންގެ ބޮލާއި ސިކުނޑި ރަނގަޅަށް ނުއުފެދި، އައިބުކަމަކާ އެކު އުފަންވުމަށް މަގުފަހި ކުރުވާ ހާލަތެކެވެ.
ޒިކާ ވައިރަސް ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުން ދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ އެވެ.