03 Feb 2016, 09:41
ފްލައިޓު މަތީގައި، ފްލައިޓުގެ ކްރޫއިންނާއި އެހެން ފަސިންޖަރުންނަށް އުނދަގޫ ވާނެހެން އަމަލުތައް ބަހައްޓާ ފަސިންޖަރުންނާ މެދު ފިޔަވަޅު އެޅުމަށް، ޗައިނާގެ ފަސް އެއާލައިނަކުން ނިންމައިފި އެވެ.
ޗައިނާގެ ފަސް އެއާލައިނެއް ކަމުގައިވާ އެއާ ޗައިނާ، ޗައިނާ އީސްޓާރން، ޗައިނާ ސަދަރން، ހައިނާން އެއަލައިންސް އަދި ސްޕްރިންގް އެއާލައިންސްއިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ފްލައިޓު މަތީގައި ފަސިންޖަރުންނަށާއި، އެއާލައިނުގެ މުވައްޒަފުންނަށް ދަތިކޮށް، އުނދަގޫ ވާނެހެން އަމަލުތައް ބަހައްޓާ ފަސިންޖަރުންގެ މައުލޫމާތު މީގެ ފަހުން ރިކޯޑު ކުރެވޭނެ ކަމަށެވެ.
އަދި، އެ ފަސިންޖަރުންނާ މެދު އެ އެއާލައިނުތަކުން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ގަސްތުކުރާ ކަމަށް ވެސް އެ ފަސް އެއާލައިނުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
މީގެ އިތުރުން، އުނދަގޫވާ ފަދަ ގޮތަށް އަމަލުކުރާ ފަސިންޖަރުންގެ މައުލޫމާތުތައް އެހެން އެއާލައިނުތަކާއި، ފަތުރުވެރިކަމާއި ބެހޭ އިދާރާތަކާ ހިއްސާ ވެސް ކުރާނެ ކަމަށް އެ ބަޔާނުގައި އެއާލައިނުތަކުން ބުންޏެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި، ޗައިނާ މީހުންނަކީ ފްލައިޓުތަކުގައި އެހެން ފަސިންޖަރުންނަށް އުނދަގޫވާ ފަދަ ގޮތަކަށް އަމަލުތައް އާންމުކޮށް ބަހައްޓާ ބައެކެވެ. ޗައިނާގެ ފަސް އެއާލައިނަކުން ނެރުނު ބަޔާނުގައި، އެ އެއާލައިނުތަކުން ބުނެފައި ވަނީ، އެފަދަ ފަސިންޖަރުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމީ، ފަސިންޖަރުންގެ އަމަލުތަކަކީ އެއާލައިނުގެ އިތުރުން ގައުމުގެ ނަމަށް ނޭދެވޭ އަސަރުތަކެއް ގެނުވާ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
މަސްދަރު: ސީއެންއެން