02 Feb 2016, 22:20
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ކަމަށެވެ. އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ އާ ސަފީރުގެ ދައުރުގައި ރާއްޖެ އާއި އިންޑިއާ އާ ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އަސްކަރީ ދާއިރާ އިން އެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން އިންޑިއާ ސަފީރާ އެކު ޗީފް އޮފް ޑިފެންސް ފޯސް މަޝްވަރާކުރެއްވި ކަމަށް ބުންޏެވެ. އަދި އިންޑިއާ އަސްކަރިއްޔާ އިން ދިވެހި ސިފައިންނަށާއި އެމްއެންޑީއެފަށް އެކި ގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވި އެވެ.
އިންޑިއާގެ ސަފީރު ވިދާޅުވީ އަސްކަރިއްޔާ އަށް ބޭނުންވާ ކަންކަމުގައި އެ ގައުމުގެ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް އަބަދު ވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމަށެވެ.